30 Apr 2011, 11:25
ވެރިކަންކުރާ އެމްޑީޕީގެ އިސް މަގާމުތަކަށް މެމްބަރުން ހޮވުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށައިފި އެވެ.
މާލެއާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުއޮއްސި 6:00 ޖަހަންދެން ވޯޓުލުން ކުރިއަށްދާނެ ކަމަށް އެމްޑީޕީން ބުނެ އެވެ. މާލޭގެ ރަށްވެހިން ވޯޓުލަމުންދަނީ އެ ޕާޓީގެ މައި ހަރުގޭގަ އެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން ވޯޓުލަމުން ގެންދަނީ ކަލާފާނު ސްކޫލުގަ އެވެ. އެ ސްކޫލްގައި 14 ވޯޓުފޮއްޓެއް ވަނީ ބަހައްޓައިފައި އެވެ.
މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތަކުގެ ތެރޭގައި ޕާޓީގެ ރައީސާއި ނައިބު ރައީސާއި ޗެއަޕާސަންގެ ނާއިބް (އިދާރީ) އާއި ޗެއަޕާސަންގެ ނާއިބް (މާލީ) އާއި ޒުވާނުންގެ ގޮފީގެ ރައީސާއި ނައިބު ރައީސާއި އަންހެނުންގެ ގޮފީގެ ރައީސާއި ނައިބު ރައީސާގެ އިތުރުން ދާއިރާ ތަކުގެ ރައީސުން ހިމެނެ އެވެ. އަދި އިސްލާމްދީނުގެ މަޝްވަރާ މަޖިލީހަށް ފަސް މެމްބަރުންނާއި އިސްތިއުނާފް ފަޑިޔާރު މަޖިލީހަށް ނުވަ މެމްބަރުން ހޮވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިރޭ 8:00 ޖަހާއެހާކަންހާއިރު ވަގުތީ ނަތީޖާ އިއުލާންކުރެވޭނެ ކަމަށް ވެސް އެޕާޓީން ބުނެ އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެންމެ ވާދަވެރިކަން ބޮޑީ ޕާޓީގެ ރައީސާއި ނައިބު ރައީސް ކަމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގަ އެވެ. ޕާޓީގެ ރައީސަކަށް ވާދަކުރައްވަނީ ރައީސްގެ އެންވޯއި އިބްރާހިމް ހުސެއިން ޒަކީ އާއި ކުރީގެ ފިޝަރީސް މިނިސްޓާ ޑރ. އިބްރާހިމް ދީދީ އެވެ. ނައިބު ރައީސްކަމަށް ވާދަކުރައްވަނީ ހައުސިން މިނިސްޓާ މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ އެވެ.
ނައިބު ރައީސް ކަމަށް ރައީސް އޮފީހުގައި މަސައްކަތްކުރައްވާ ގ. ކަކާގެ، ހުސެއިން އާދަމް (އާދަމްބެ) ވެސް ކުރިމަތިލައްވައިފައިވެ އެވެ. ނަމަވެސް، އޭނާގެ ފަރާތުން އެއްވެސް ކެމްޕޭނެއް ކުރިއަށްގެންގޮސްފައެއް ނުވެ އެވެ.
އެމްޑީޕީގެ ކެމްޕޭނު އެންމެ ހޫނުވީ، ރައީސާއި ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ދި ޓީވީ އާއި ރާއްޖެ ޓީވީން ވަކިން ބާއްވަން އުޅުނު ދެބަހުސުގެ މައްސަލަ އުފެދުނު ހިސާބުންނެވެ. އެގޮތުން ދިޓީވީގެ ބަހުސް ބޭއްވުމަށް ދަރުބާރުގެ އޭޕްރިލް 27 ވަނަ ދުވަހުގެ ރެއަށް ބުކް ކޮށްފައިވަނިކޮށް، ހައުސިން މިނިސްޓްރީން އެތަން ރާއްޖެ ޓީވީއަށް ދޫކުރުމުން މައްސަލަ ހޫނުވެ، ނުސީދާ ފާޑުކިޔުންތައް ނައިބު ރައީސަކަށް ވާދަކުރައްވާ ހައުސިން މިނިސްޓާ އަސްލަމަށް ވަރަށް ބޮޑަށް އަމާޒުވި އެވެ.
އެގޮތުން ސަރުކާރުގެ ތެރޭ "ކޮރަޕްޓް" ވެރިން އެބަތިބިކަމަށާއި އެމީހުންގެ މައްސަލަ ބަލަމުންދާ ކަމަށް އަލްހާނުގެ ކެމްޕޭނު ޖަގަހައެއްގައި މާލޭ މޭޔާ ސަރަނގު އާދަމް މަނިކު ވިދާޅުވިތާ 48 ގަޑިއިރުނުވަނީސް ދަރުބާރުގެ ވަނީ ސިޓީ ކައުންސިލާ ސަރުކާރުން ހަވާލުކޮށްފަ އެވެ.
އަދި ދަރުބާރުގެ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށަށް ގެންދިޔަތާ މާގިނައިރުތަކެއް ނުވަނީސް އަލްހާނަށް ތާއީދުކުރައްވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހު "ބައެއް ކެންޑިޑޭޓުންނަށް ފާޅުގައި ކެމްޕެއިން ކުރައްވަމުން" ގެންދަވާކަމަށް ބުނެ އޭނާއާ މެދު ވަނީ ފިޔަވަޅު އަޅައިފަ އެވެ. ޝާހުގެ ކިބައިން ސެކްރެޓަރީ ޖެނެރަލްގެ ހުރިހާ މަސްއޫލިއްޔަތުތަކެއް ކުއްލިގޮތަކަށް ވަކިކުރީ އެވެ. އެހެންކަމުން، މި އިންތިހާބާ ގުޅިގެން ކޮންމެވެސް ވަރަކަށް ޕާޓީގެ އިސްމެމްބަރުންގެ މެދުގައި ވަނީ ނުތަނަވަސްކަން ފެތުރިފައި އެވެ.