ހދ. ވައިކަރަދޫ ގަބުރުސްތާނުން ސިހުރެއް ކަމަށް ބެލެވޭ އެއްޗެއް ފެނިއްޖެ އެވެ.

ސަން އާ ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލް މެމްބަރު އަހުމަދު ނަސީމް ވިދާޅުވީ، ސިހުރު ކަމަށް ބެލެވޭ އެތި ފެނިފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ގަބުރުސްތާނު ސާފުކުރުމުގެ މަސައްކަތްކުރަމުން ދިޔަ ބަޔަކަށް ކަމަށެވެ.

"ހެނދުނު 10:00 ހާއިރު، ގަބުރުސްތާނު ތެރެއިން މަހާނައެއްގެ މަތިން ފެނުނީ... އަޅުގަނޑުމެން އޮންނާނީ ގަބުރުސްތާން ސާފު ކުރަން ބަޔަކާ ހަވާލުކޮށްފަ. އެމީހުން ވިނަތައް ނޮޅާފަ ސާފުކުރަން އުޅުމުގެ ތެރެއިން މަށަން ދަތި އަޅައަޅާ ހުއްޓާ ދަތީގަ އަޅައިގަތީ ކޮތަޅު،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިންވެސް ސިހުރު ކަމަށް ބެލެވޭ އެއްޗެހިތަކެއް އެ ރަށުން ފެނިފައިވާ ކަމަށެވެ.

"މީގެ މަހެއްހާ ދުވަސް ކުރިން ހަމަ މީތި އެހެންތާކުންވެސް ފެނިފަ ވަނީ. އޭތި ހޯދި ކުދިން އަންދާލީ ކަމަށް ވަނީ... ކުރިން ފެނުނު އެތި ކަނޑާފަ ބެލި. އޭތީގެ ހުންނަނީ ވަރަށް ހުދު ކަރުދާސްތަކެއް ހަމަ އެއްވަރަކަށް ކަފާފަ އޭގެ ތެރެއަށް ލާފަ. ދެން ބޭރުން ހުންނަނީ ކަފުން ފޮތި އޮޅާފަ. ވަރަށް ރަނގަޅަށް ޕެކްކޮށްފަ،"

"އޭގެ މަތިން އޮންނަނީ ވަރަށް ކައިރި ކައިރިން ރޮދި އޮޅާފަ. ދެން ދޯނި ފަހަރު އުގުޅަން ބޭނުން ކުރާ ކަޑި ފާޑު އެއްޗެއް އޭގަ އުނގުޅާފަ ހުންނަނީ. ދެން އޭތީ އޮންނަނީ ކުލިއާ ރަބަރު ގަނޑަކަށް ލާފަ ފެން ނުވަންނަ ހެން ޕެކް ކޮށްފަ. ކުރިން ފެނުނު އެތިވެސް ހަމަ އެގޮތަށް އޮތީ. މި ފަހަރު ފެނުނު އެތިވެސް ހަމަ އެގޮތަށް އޮތީ." ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން ފެނުނު އެ ފަދަ އެއްޗެހި ނައްތާލުމުގެ ސަބަބުން ކޯއްޗެއްކަން ޔަގީން ކުރެވިފައިވާ ނުވާ ކަމަށެވެ. އެހެންކަމުން މިއަދު ފެނު އެއްޗަކީ ސިހުރެއްތޯ ޔަގީން ކުރުމަށް ބާއްވާފައި އޮންނާނޭ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދި އެއީ ސިހުރެއްތޯ ބަލައި ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.