26 Mar 2016, 18:42
އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާ ތާރީހު ފަސްކޮށްފައިވާ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.
އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސަން އަށް ވިދާޅުވީ، މި މަހުގެ 31 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އަންނަ އެޕްރީލް މަހުގެ އެއް ވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
"ހޯލް ލިބުމުގެ ކަންތައްތަކުގަ ކުޑަކޮށް ލަސްވެގެން ދިޔައީ އެއް ދުވަހަށް...، ދަސްވެނިވުމުގެ ހަފްލާ އޮންނާނީ އެކެއް އެޕްރިލް ވާ ހުކުރު ދުވަހުގެ ރޭގަނޑު އަށެއް ޖަހާއިރު ދަރުބާރުގޭގައި،" ވައިސް ޗާންސެލަރ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ރޭގެ ހަފްލާގައި ސެޓްފިކެޓު ދިނުމަށް ހަމަޖެހިފައިވަނީ ޑިޕްލޮމާ އިން ފެށިގެން މަތީ ކޯސްތައް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ކަމަށެވެ. އެގޮތުން އެރޭ ޖުމްލަ 220 ދަރިވަރުން ދަސްވެނިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ޖުމްލަ އެރޭގެ ޖަލްސާގަ އިރާދަ ކުރެއްވިއްޔާ 220 ދަރިވަރުން ސެޓްފިކެޓު ހާސިލް ކުރާނެ... އެހެންނަމަވެސް ޖުމްލަ 550 ދަރިވަރުން މި ފަހަރު ގްރަޖުއޭޓު ވެފަވޭ. އެއީ އެކިއެކި މަރުހަލާ ތަކުގަ. ސެޓްފިކެޓު ލެވެލް އިން ފެށިގެން،" ވައިސް ޗާންސެލަރ ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ، އެރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ، ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ ޔުނިވާސިޓީ އަކަށް ބަދަލު ވުމަށް ފަހު ބޭއްވޭ ފުރަތަމަ ދަސްވެނިވުމުގެ ރަސްމިއްޔާތު ކަމަށާއި އެ ރަސްމިއްޔާތު ވަރަށް ހާއްސަ ވެގެންދާނެ ކަމަށެވެ.
"އެހެންވީމާ ތާރީހީ ގޮތުންވެސް މުހިއްމު ހަފްލާ އަކަށް މި ހަފްލާ ވެގެންދާނެ ކަމަށް އަޅުގަނޑު މި ދެކެނީ. ޔުނިވާސިޓީގެ ފަރާތުން ދަރިވަރުންގެތެރެއިން ވަނަވަނަ ލިބޭ ފަރާތްތަކަށް އަދި ކުދިންނަސް ވަރަށް ހާއްސަ އިނާމުތަކަކާއެކު މިފަހަރުގެ ހަފްލާ މި ބޭއްވެނީ،" ވައިސް ޗާންސެލަރ ވިދާޅުވި އެވެ.