26 Mar 2016, 17:44
ފިލްމު "ވާށޭ މަށާއެކީ" ގެ ތިން ވަނަ ލަވަ "ނޫން ނޫން ނުދޭ" ރިލީޒު ކޮށްފި އެވެ. އެ ފިލްމުގެ ތިން ވަނަ ލަވަ ރިލީޒުކޮށްފައިވަނީ ޔޫޓިއުބް މެދުވެރިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.
"ނޫން ނޫން ނުދޭ" އަކީ ޑީޓިއުން ބޭންޑުގެ "ވަން ޑައުން" އަލްބަމްގެ ލަވައެ ކެވެ. ތިން މިނެޓު ހަ ސިކުންތުގެ އެ ލަވައިން ފެނިގެންދަނީ އެ ފިލްމުގެ ދެ ތަރިން ކަމަށްވާ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އާ ދެމެދުގައި ހިނގާ ހިތާމަވެރި ކަންތައްތަކެކެވެ. ހަމައެއާއެކު، ޑީޓިއުން ބޭންޑު ވެސް އެ ލަވައިން ފެނިގެން ދެ އެވެ.
ޑާކްރެއިން އެންޓަޓައިންމެންޓުން އުފައްދާފައިވާ "ވާށޭ މަށާއެކީ" ގެ އިތުރު ދެ ލަވައެއްވެސް މީގެ ކުރިން ވަނީ ރިލީޒު ކޮށްފަ އެވެ. އެ ދެ ލަވަ ކިޔާފައިވަނީ ފަތުހުﷲ އަބްދުލްފައްތާހް (ފަތޯ) އެވެ.
އަންނަ އޭޕްރިލް ފަސް ވަނަ ދުވަހު ރިލީޒު ކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ، ކާމިޔާބު ދިރިއުޅުމެއް އުޅެން ބޭނުންވާ ފިރިހެން ކުއްޖަކާއި، މީހަކާ އިނދެގެން ވަރަށް ބައިވަރު ދަރިން ހޯދަން ބޭނުންވާ އަންހެން ކުއްޖެގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ.
މުހައްމަދު އަލީ އާއި އައިޝަތު ފުއާދު ތައުފީޤު ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމުގައި ޖުމައްޔިލް އާއި މަޖޫގެ އިތުރުން މުހައްމަދު ފައިސަލް އާއި އާމިނަތު ނޫރާ، އަލީ ޝަޒްލީމު، ހަމްދާން ފާރޫގު ފަދަ ތަރިން ފެނިގެންދާނެ އެވެ.