26 Mar 2016, 17:32
ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެއާ ބޫޓާން ވާދަކުރާ މެޗުގެ ޓިކެޓް މާދަމާ ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑްވިސް (އެފްއޭއެމް) އިން ބުނެފިއެވެ.
އެފްއޭއެމްގެ ވަގުތީ ޖެނަރަލް ސެކެޓްރީ މުހައްމަދު އާދަމް މިއަދު 'ސަން' އަށް ވިދާޅުވީ، އަންނަ އަންގާރަ ދުވަހު ކުޅޭ އެ މެޗުގެ ޓިކެޓް މި ވަގުތު ވިއްކަން ހަމަޖެހިފައިވަނީ ހަމަ އެކަނި އެފްއޭއެމްގެ އިދާރާ އިން އެކަނި ކަމަށާއި ނަމަވެސް މެޗު ކުޅޭ ދުވަހު ގަލޮޅު ދަނޑުން ވެސް ޓިކެޓް ވިއްކާނެ ކަމަށެވެ.
ވޯލްޑްކަޕް ކޮލިފައިންގެ އޭސިއާ ސަރަހައްދުގެ ގުރޫޕް 'ސީ'ގެ ފަހު މެޗަށް ނިކުންނައިރު ރާއްޖެ އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ހަތަރު ވަނައިގައެވެ. މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ރާއްޖެ މޮޅުވީ ހަމަ އެކަނި ބޫޓާނާ ދެކޮޅަށް އެ ގައުމުގައި ކުޅުނު މެޗުން އެކަންޏެވެ. ބޫޓާން ކުޅުނު ހުރިހާ މެޗަކުން ވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ ތާވަލުގެ ފުލުގައެވެ.
އެ ގުރޫޕުން ވޯލްޑް ކަޕް ކޮލިފައިންގެ ތިން ވަނަ ބުރަން ޖާގައެއް ކަށަވަރު ވެފަައި ވަނީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެ 21 ޕޮއިންޓާއި އެކު ގުރޫޕްގެ އެއްވަނައިގައި އޮތް ގަތަރަށެވެ. ގަތަރު މިހާތަނަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބް ކޮށްފައިވަނީ ބައިކޮޅަށް ގޯލެއް ވަނަ ނުދީއެވެ.
ރާއްޖެއާއި ބޫޓާން ކުޅޭ މެޗަށް ގައުމީ ފުޓްބޯޅަ ދަނޑުގެ ޖާގައަށް ބެލުމަށް ފަހު މި ފަހަރު ވެސް 9،000 ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާއިރު ކޮންމެ މީހަކަށް ވެސް އެ މީހަކު ބޭނުން ވަރަކަށް ޓިކެޓް ލިބޭނެ ކަމަށް ވެސް އެފްއޭއެމް އިން ބުނެއެވެ.
ރޭނގަޑު ނަވައެއް ޖަހާއިރު ފެށުމަށް ހަމަ ޖެހިފައިވާ އެ މެޗުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ އަގުތަކަކީ ސިޑިބަރިން 50ރ. ގޮނޑިބަރިން 100ރ. އަދި ވީއިޕީން 150ރ. އަށެވެ.