26 Mar 2016, 17:14
ދެކުނު އެމެރިކާ ސަރަހައްދުގެ ވޯލްޑްކަޕް ކޮލިފައިންގައި ބްރެޒިލާއި ވާދަވެރި އުރުގުއޭ ބައްދަލުކުރި މެޗު 2-2ގެ ނަތީޖާ އަކުން އެއްވަރު ވެގެން ނިމެއްޖެއެވެ.
ބްރެޒިލްގައި ކުޅުނު އެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު މެޗުގެ ފުރަތަމަ މިނެޓްގައި ބްރެޒިލް ވަނީ ގޯލެއް ކާމިޔާބް ކޮށް ލީޑް ނަގާފައެވެ. އެ ގޯލް ޑޮގްލަސް ކޯސްޓާ ކާމިޔާބުކުރީ ވިލިއަމްސް ހުރަސްކޮށްލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. ބްރެޒިލް އަށް ލީޑް ފުޅާ ކޮށްދިން ގޯލު މެޗުގެ 26 ވަނަ މިނެޓުގައި ކާމިޔާބްކޮށްދިނީ ރެނޭޓޯ އޮގުސްޓޯއެވެ.
ދެ ގޯލުގެ ލީޑްއަކާއި އެކު ބްރެޒިލް އިން ފުރަތަމަ ހާފް ނިންމާލަން ދަނިކޮށް އުރުގުއޭގެ ފޯވާޑް އެޑިސަން ކަވާނީ ވަނީ މެޗުގެ 32 ވަނަ މިނެޓްގައި އެ ޓީމަށް ގޯލެއް ކާމިޔާބްކޮށްދީފައެވެ.
ފުރަތަމަ ހާފް ލީޑްގައި އޮވެ ބްރެޒިލް އިން ނިންމާލި ނަމަވެސް ދެވަނަ ހާފް ފެށިގެން ދެ ވަނަ މިނެޓްގައި އުރުގުއޭއިން ވަނީ ގޯލެއް ކާމިޔާބްކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ސުއަރޭޒް އެ ގޯލު ކާމިޔާބް ކުރީ ބްރެޒިލް ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ބާރު ބޯޅަ އެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ. މިއީ އަށް މެޗުގެ ސަސްޕެންޝަނަށް ފަހު ސުއަރޭޒު ކުޅުނު ފުރަތަމެ މެޗުކަން ވެސް ފާހަގަކޮށްލެވެއެވެ.
ސުއަރޭޒްގެ އެ ގޯލަށްފަހު ދެ ޓީމަށް ވެސް ވަނީ ގޯލް ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވެފައެވެ.
އެ ނަތީޖާގައި އޮވެ މެޗު ނިމުމުން ލިބުނު އެއް ޕޮއިންޓާއި އެކު އުރުގުއޭ މިވަގުތު އޮތީ 10 ޕޮއިންޓާއެކު ދެވަނައި ގައެވެ. ބްރެޒިލް އޮތީ އަށް ޕޮއިންޓާއި އެކު ތިންވަނައި ގައެވެ.