ކޭކު އެޅުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް ހިތްވަރުދީ އެފަރާތްތަކުގެ މަސައްކަތް އާންމުންނަށް ދައްކާލުމަށް ހާއްސަ ފެސްޓިވަލެއް މިއަދު ފަށައިފި އެވެ.

"ކަމަނަ ކޭކް ފެސްޓިވަލް 2016" ގެ ނަމުގައި މިއަދު ހެނދުނު ދަރުބާރުގޭގައި އެ ފެސްޓިވަލް ހުޅުވައިދެއްވީ ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަރިޔަމް އަޒްރާ އެވެ.

ކަމަނަ ފެސްޓިވަލުގައި ބައިވެރިކޮށްފައިވާ ބައެއް ކޭކު އަދި ޕޭސްޓްރީޒް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ގޭގައި ކޭކު އެޅުމުގެ މަސައްކަތް ކުރާ އަންހެނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ފެސްޓިވަލްގައި 25 އެއްހާ ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގައި ކޭކު އެޅުމުގެ މަސައްކަތް ކުރާ ފަރާތްތައްވެސް ހިމެނެ އެވެ.

ކަމަނަ ފެސްޓިވަލުގައި ބައިވެރިކޮށްފައިވާ ކޭކެއް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ކަމަނަ ފެސްޓިވަލުގައި އިސްކޮށް ހަރަކާތްތެރިވާ އާތިފާ އަބޫބަކުރު (އާތި ކޭކްސް) ވިދާޅުވީ، އެ ފެސްޓިވަލަކީ ކޭކު އެޅުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތަކަށް، ހިތްވަރުދީ އެފަރާތްތަކަށް ކޭކު އެޅުމުގެ ދާއިރާގައި ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ފެސްޓިވަލެއް ކަމަށެވެ.

އާތި ކޭކްސްގެ ފަރާތުން އާތިފާ އަބޫބަކުރު، ފެސްޓިވަލާ ގުޅޭގޮތުން ސަން އަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދުނިޔޭގެ އަންހެނުންގެ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދާ ފެސްޓިވަލު މިރޭ 10:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ފެސްޓިވަލުގެ ބައިވެރިން ތައްޔާރުކޮށްފައިވާ ކޭކު އަދި ޕޭސްޓްރީޒް ރަހަ ބަލާލުމުގެ ފުރުސަތު އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭނެ އެވެ.