އެއީ އޯގާތެރި ލޯބިވެރިއެކެވެ. އަޅާލުމާއި ލޯބި ދިން ލޯބިވެރިއެކެވެ. ކޮންމެ ވަގުތަކު ވެސް އޭނާ ހުންނަނީ އަންހެން ކުއްޖާގެ ހިދުމަތުގަ އެވެ. އޭނާގެ އަމަލުތަކުން އަންހެން ކުއްޖާ އުފަލުން ފޮޅުނެވެ. ދެ މީހުން އުޅެމުންދިޔައީ ނަމޫނާ ލޯބިވެރިންގެ ގޮތުގަ އެވެ. އެކަކު އަނެކަކަށް އިންތިހާއަށް ލޯތްބާއި އަޅާލުންދިނެވެ. އުފާވެރި ދުވަސްތަތަކަށް ފަހު އަންހެން ކުއްޖާއަށް 18 އަހަރުވުމާ އެކު 24 އަހަރުގެ ޒުވާނާއާ ކައިވެނީގެ ގޮށް ޖަހައިލި އެވެ.

ދެ މީހުން ވެސް އުޅެމުންދިޔައީ ވަޒީފާގަ އެވެ. އަންހެން ކުއްޖާއަކީ ރަނގަޅު ތައުލީމެއް ލިބިފައިވާ ކުއްޖަކަށްވުމުން އޭނާ އަށް ލިބުނީ މުސާރަ ރަނގަޅު ވަޒީފާއެކެވެ. އަދި އެއީ ގިނަ ބަޔަކާ ދިމާވެ ވާހަކަ ދައްކަންޖެހޭ ވަޒީފާއެކެވެ.

އެ ކައިވެންޏަށް މާކަ ގިނަ ދުވަހެއްނުވެ އެވެ. ކުރިން ނުފެންނަ އަމަލުތަކެއް ފިރިމީހާގެ ފަރާތުން ފެންނަން ފެށި އެވެ. އަންހެން ކުއްޖާގެ ފޯނާއި އުޅޭ ނޫޅޭ ގޮތް އާދަޔާ ހިލާފަށް ފިރިހެން ކުއްޖާ ބަލަން ފެށި އެވެ. ސޯޝަލް މީޑިއާގައި ހިންގާފައި ހުރި މުއާމަލާތްތައް ވެސް ތަހުގީގެއްގޮތަށް ބަލަން ފެށި އެވެ. އޭނާ ގުޅާ އިރު "ކޯލް ވެއިޓިން" އެއްގައި އިނިއްޔާ ކުރާ ސުވާލާއި ފެންނަ އަމަލުތައް ގަބޫލު ނުކުރެވޭ ހިސާބަށް ކަންކަން ދިޔަ އެވެ. އެކުގައި އުޅެނީ ކޮންބައެއްތޯ އެމީހުން އޭނާ އާއި ދޭތެރޭ ދެކެނީ ކިހިނެއްތޯ ބަލަނީ ހައްދު ފަހަނަ އަޅާފައިވާ މިންވަރަކަށެވެ.

ބައިވެރިޔާގެ ފޯނަށް ބަލަހައްޓައިގެން-- ބައިވެރިޔާއަށް ޝައްކު ކުރުމަކީ އާންމު މައްސަލައެއް-- ސަން ފޮޓޯ: ފަޔާޒު މޫސާ

އޮފީސް މާހައުލުގަޔާއި ނުވަތަ ރައްޓެހިންގެ ތެރެއިން މީހަކު އަންހެން ކުއްޖާއަށް ގާތްގޮތަކަށް ސަމާސާއެއް ކޮށްލިޔަސް އެއީ ފިރިހެން މީހާ އިންތިހާއަށް ރުޅިއަންނަ ކަމަކަށްވި އެވެ. ސަމާސާ ކުރި މީހާއަށް ނަފްރަތު ކުރަން ފެށި އެވެ. ހަމަލާދޭ ހިސާބަށް ކަންކަންދިޔަ އެވެ. ހަމައެއާ އެކު އަންހެން ކުއްޖާ އާއި އޭނާގެ އާއިލާއާ ދޭތެރޭ އޮންނަ ގުޅުމަށް ވެސް ޝައްކުގެ ނަޒަރަކުން ބަލަން ފެށި އެވެ. އެއާ އެކު ވަޒީފާއަށް ދިއުމާއި ރައްޓިހިންނާއެކު އުޅުމަށް އިންތިހާއަށް ހުރަސް އަޅަންފެށި އެވެ.

އެހެން މީހެއް ދެކެ ލޯބި ނުވާ ކަމަށާއި ބޭވަފާނުވާނެ ކަމަށް އެތައް ފަހަރެއްގެ މަތިން ބުންޏަސް ފިރިމީހާ އެވާހަކަތައް ގަބޫލެއްނުކުރެ އެވެ. ހަމަ އިންތިހާއަށް ޝައްކުކުރެ އެވެ. ހަމައެއާއެކު އޭނާގެ ބައިވެރިޔާ ވިޔާނުދާ ގޮތްގޮތަށް އުޅޭ މަންޒަރު އަމިއްލައަށް ސިފަކޮށް އަމިއްލައަށް ރުޅިގަދަކޮށް ހަދަ އެވެ. އެންމެ ފަހުން ކުރިން ލޯބިދެމުން ދިޔަ ދެ އަތުން އަނބިމީހާ އަށް އަނިޔާ ކުރާ ހިސާބަށް ކަންކަންދިޔަ އެވެ. ޝައްކުގެ ނަޒަރުން ބަލައި އަބަދުހެން ދެ ބަސްވާންޖެހުނެވެ.

މިއީ އެންމެ މީހެއްގެ ހާލެއް ނޫނެވެ. މިއީ އެތައް ބައެއްގެ ހާލެވެ. އަންހެނެއް ފިރިހެނެއް ކިޔާނެކަމެއްނެތެވެ. މިކަން މިގޮތަށް ދިމާވާ އެތައް ބަޔަކު އެބައުޅެ އެވެ. އެއްވެސް ސަބަބެއްނެތި ބައިވެރިޔާ އަށް ޝައްކުގެ ނަޒަރަކުން އިންތިހާއަށް ބެލުން ވަރަށް ވެސް އާންމެވެ. އެނގޭ ހެއްޔެވެ؟ އެއީ ނަފްސާނީ ބައްޔެކެވެ.

އެއީ ނަފްސާނީ ކޮން ބައްޔެއް؟

މޯބިޑް ޖެލަސީ ނުވަތަ އޮތެއްލޯ ސިންޑްރޯމް އަކީ އެކަމެއްގެ ސަބަބުން ބައިވެރިޔާ ބޭވަފާތެރިވާ ކަމުގެ ވިސްނުމުގައި މީހަކު ބަނދެވޭ، ނަފުސާނީ މައްސަލައެކެވެ. އެމައްސަލަ ދިމާވެފައިވާ މީހާ އަށް ބައިވެރިޔާ ބޭވަފާތެރިވާ ކަމަށް އިހުސާސް ވާނީ އެފަދަ އެއްވެސް ހެއްކެއް ވެސް ނެތި އެވެ. އެގޮތަށް އޭނާ އަށް އިހުސާސް ވުމުގެ ސަބަބުން މުޖުތަމައުގައި ބަލައި ނުގަނެވޭ ފަދަ އަހުލާގު އެމީހެއްގެ ފަރާތުން ފެންނާނެ އެވެ.

އެ މައްސަލަ ޖެހިފައިވާ ކަމުގެ ނިޝާން ތަކަކީ:

އާދަޔާ ހިލާފަށް ބައިވެރިޔާ އެހެން މީހުންނަށް ސަމާލުކަންދޭ ކަމަށް ތުހުމަތު ކުރުމާއި ބައިވެރިޔާގެ އުޅުމާ ބެހޭ ގޮތުން ސުވާލު އުފެއްދުމެވެ. ހަމައެހެންމެ ފޯނު ކޯލުތަކާއި ބެހޭ ގޮތުން އަބަދުހެން ސުވާލުކޮށް ތަހުގީގު ކުރުމާއި ބައިވެރިޔާގެ ތަކެތި ބަލައި ފާސްކުރުމުގެ އިތުރުން ބައިވެރިޔާ އިޖުތިމާއީ ގުޅުން ބާއްވަންވީ މީހުންނާއި ނުބާއްވަންވީ މީހުން ކަނޑައެޅުން ހިމެނެ އެވެ. އެފަދަ ކަމެއް ދިމާވެފައިވާ މީހާ އޭނާ ޝައްކުކުރެވޭ ކަންކަން ނުބަލައި ނުހުރެވޭނެ އެވެ. އަދި ހަމަ އެފަދަ އެތައް ކަމެއް ފާހަގަވެ އެވެ.

ފަރުވާ އަކީ ކޮބާ؟

ނަފްސާނީ ބައްޔަށްފަރުވާދޭ އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ)ގެ ސައިކޮލޮޖިސްޓެއް ކަމަށްވާ ދިމުތު ޕަސްކުއަލް ވިދާޅުވާ ގޮތުގައި އެކަމަށް ފަރުވާ ކުރުމަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ އެކަން ކުރިމަތިވަނީ ބައްޔެއްގެ ސަބަބުން ކަމަށް އަމިއްލަ މީހާ ގަބޫލް ކުރުމެވެ.

ސައިކޮލޮޖިސްޓް ދިމުތު ސަން އަށް އިންޓަވިއު ދެނީ-- ސަން ފައިލް ފޮޓޯ

ދިމުތު ވިދާޅުވި ގޮތުގައި އެފަދަ ބަލިތަކަށް ބޭސް ބޭނުން ކުރަންޖެހޭ އިރު ބައެއް ތެރަޕީތައް ވެސް ނަގަންޖެހެ އެވެ. އެގޮތުން ކޮގްނަޓިވް ބިހޭވިއަރަލް ތެރަޕީ އާއި ކަޕުލް ތެރަޕީއަކީ އެފަދަ ބަލިތަކަށް ހައްލު ގެނެވޭނެ ފަރުވާތައް ކަމަށް ދިމުތު ވިދާޅުވި އެވެ.

ކީއްވެ ދިމާވާ މައްސަލައެއް؟

މޯބިޑް ޖެލަސީއަކީ ސިކުނޑިއަށް ލިބޭ އަނިޔާއެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. އަދި އެއީ ޖިންސީ ކަންތައްތަކުގައި ރަނގަޅަށް ހަރަކާތްތެރި ނުވުމުން ވެސް ކުރިމަތިވާ ކަމެކެވެ.

ދިމުތު ވިދާޅުވި ގޮތުގައި މޯބިޑް ޖެލަސީގެ މައްސަލަ ކުރިމަތި ވަނީ މީގެ ކުރިން އޭނާ އަށް ދިމާވެފައި ހުންނަ ހިތްދަތި ކަންކަމުގެ ތެރެއިންނެވެ. މިސާލަކަށް ޅައިރު ކުރިމަތިވެފައިވާ ހަރުކަށި އަނިޔާތަކުގެ ސަބަބުން ނުވަތަ ދިމާވެފައިވާ އާއިލީ މައްސަލަތަކެއްގެ ސަބަބުން އެބައްޔަށް މީހާ ވެއްޓުން އެކަށީގެންވާކަމަށް ދިމުތު ވިދާޅުވި އެވެ.

އަވަހަށް ހައްލު ހޯދާ!

ދިވެހި މުޖުތަމައުގައި މިއަދު އާންމުވެފައިވާ މިމައްސަލައަކީ އަވަހަށް ހައްލު ހޯދަން ޖެހޭ މައްސަލައެކެވެ. އެހެން ނޫން ނަމަ އެތައް ލޯބީގެ ގުޅުންތަކެއް މިބަލީގެ ޝިކާރައަކަށްވެ ނިމިގެންދާނެ އެވެ. ފުރަތަމަ ގަބޫލް ކުރަންވީ ބައްޔެއް ޖެހިފައިވާކަމެވެ. އެއަށް ފަހު މަސައްކަތް ކުރަންވީ އެބަލިން އަރައިގަތުމަށެވެ.

-------------------------------------------------------------------------------

ނޯޓް: މިއީ ނަފްސާނީ އެކި މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ސީރީޒެއްގެ ގޮތަށް ސަންގެ ނޫސްވެރިޔާ އަހުމަދު ސާއިލް އަލީ ގެނެސްދޭ ރިޕޯޓްތަކެއްގެ ތެރެއިން ފަސް ވަނަ ރިޕޯޓެވެ. މި ސީރީޒު ނިމެންދެން ކުރިއަށް އޮތް ކޮންމެ ހަފްތާއެއްގައި މިފަދަ ރިޕޯޓެއް ގެނެސްދެވޭނެ އެވެ.

މި ރިޕޯޓް ސީރީޒްއަށް ނަފްސާނީބަލީގެ މައުލޫމާތު ދެއްވާފައި ވަނީ، އިންސްޓިޓިއުޓް ފޮ ކައުންސެލިންގް އެންޑް ސައިކޮތެރަޕީ (އައިސީޕީ) އިންނެވެ. އައިސީޕީ އަކީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ތަފާތު ދާއިރާތަކުގެ ފަރުވާދޭ އިންސްޓިޓިއުޓްއެކެވެ. އައިސީޕީގެ ހޮޓްލައިން 7978802 އަށް ގުޅުމުން އެފަރާތްތަކުން އެހީތެރިވެދެ އެވެ. އައިސީޕީއަކީ ހެޔޮއަގުގައި ކައުންސެލިން އަދި ތެރަޕީ ދެމުންދާ ތަނެކެވެ.