30 Apr 2011, 11:12
ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒަށް ރުހުން ދިނީ އޭނާއަކީ ފަސްބައިގާ ކިލަނބުކަމެއް ނެތް ބޭފުޅަކަށްވާތީ މަށާއި ނަމަވެސް ދެން އޭނާއާ ދޭތެރޭ އެހެން ގޮތަކަށް ވިސްނާނެ ކަމަށް ޑީއާރުޕީ އިން އިއްޔެ ބުނެފި އެވެ. ޑީއާރުޕީން މިހެން ބުނީ ނޫސްވެރިންނަށް މައުލޫމާ ދިނުމަށް ޓަކައި އެ ޕާޓީގެ އޮފީހުގައި އިއްޔެ މެންދުރު ފަހު ބޭއްވި ބައްދަލުވުމެއްގަ އެވެ .
"ތަކެތީގެ އަގު ބޮޑުވަނީ، ރައްޔިތުން ހަނާ ވަނީ" މިޝިއާރުގެ ދަށުން ޒުވާނުންތަކެއް އިސްނަގައިގެން ބާއްވާ މުޒާހަރާގައި ޑީއާރުޕީން ބައިވެރިވާތީ އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު މުހައްމަދު މުޖުތާޒު ވިދާޅުވީ އިނާޒަށް މަޖިލީހުގައި ރުހުން ދެއްވީ އޭނާ ޑޮލަރުގެ އަގު ބޮޑުކުރެއްވުމުން އެކަމާ އުފާވެގެން ނޫން ކަމަށެވެ.
"އަޅުގަނޑުމެން އޭނާ އަށް ރުހުން ދިނީ އޭނާއަކީ މާޒީގައި އެއްވެސް ކަހަލަ ކުށެއް އެއްވެސް ކިލަނބުކަމެއް ނެތް ބޭފުޅަކަށް ވާތީ. ނަމަވެސް އޭގެ ފަހުން އޭނާ އެ ދެއްކެވި ވާހަކަފުޅުގެ ސަބަބުން އަޅުގަނޑުމެން އޭނާއާ ދޭތެރޭ އެހެން ގޮތަކަށް ވިސްނާނަން." މުޖުތާޒު ވިދާޅުވި އެވެ.
ތަކެތީގެ އަގު އުފުލެމުން ދާތީ ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ޓަކައި ޒުވާނުން އިސްނަގައިގެން ބާއްވާ މުޒާހަރާއަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ ގައުމީ ކަމެއް ކަމަށް އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވި އެވެ.
މިރޭ ބާއްވާ މުޒާހަރާއަކީ ޑީއާރުޕީން އިސްނަގައިގެން ބާއްވާ މުޒާހަރާއެއް ނޫން ކަމަށާއި އެ މުޒާހަރާ އަކީ ޒުވާނުން އިސްނަގައިގެން ބާއްވާ މުޒާހަރާއެއް ކަމަށާއި މުޒާހަރާ ކުރާނީ ސުލްހަވެރިކޮށް ކަމަށް ވެސް ޑީއާރުޕީން ބުންޏެވެ.