26 Mar 2016, 15:45
ރެޑްބުލް އިން ބޭއްވި ގަލަން ކޮއްޓާ މުބާރާތުގެ ޗެމްޕިއަންކަން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ދަރިވަރު ޝިހާމް އަމީން ހޯދައިފި އެވެ.
ޝިހާމް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގެ އިބްރާހިމް އަބްދުލް ސައްތާރު އަތުން ފަސް ގޭމް ހަތަރު ގޭމުން މޮޅުވެގެންނެވެ. އެ މުބާރާތް ކާމިޔާބުކުރުމާ އެކު އޭނާއަށް ވަނީ ޓްރޮފީއަކާއެކު 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ލިބިފައެވެ.
އެ މުބާރާތުގައި މެޗުތައް ކުޅެނީ މުބާރާތަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ކަރުދާސް ގަނޑެއްގައެވެ. އެގަނޑުގައި ފޯމޭޝަން އަތުރާނީ މެޗެއްގައި ވާދަކުރާ ކުޅުންތެރިޔާ ބޭނުންވާ ގޮތަކަށެވެ. އަދި މެޗަކަށް ކަނޑައަޅާފައިވާ ގަޑި ހަމަވާއިރު ދެ ކުޅުންތެރިން އެއްވަރުވެއްޖެ ނަމަ، ނަތީޖާ ނެރޭނީ ޕެނަލްޓީންނެވެ.
ސްކޫލްތަކާއި ކޮލެޖްތަކުގެ ދަރިވަރުންނަށް އަމާޒްކޮށްގެ ބާއްވާ އެ މުބާރާތް ރެޑްބުލް އިން ބާއްވަން ފެށީ 2014 ވަނަ އަހަރުން ފެށިގެންނެވެ. އެ ގޮތުން މި އަހަރުގެ މުބާރާތުގައި ޖުމްލަ 182 ދަރިވަރުން ބައިވެރިވެފައި ވެއެވެ.