ބަޣުދާދު (މާޗް 26): އިރާގުގެ ވެރިރަށް ބަޣުދާދުގެ ދެކުނުގައި އޮންނަ ފުޓްބޯޅަ ސްޓޭޑިއަމެއްގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން 30 މީހަކު މަރުވެ 95 މީހަކަށް އަނިޔާ ވެއްޖެ އެވެ.

ބާބިލު ޕްރޮވިންސުގެ އިސްކަންދަރިއްޔާ ސްޓޭޑިއަމްގައި ބޮން ގޮއްވާލީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ކަމަށް އެޕްރޮވިންސުގެ ހެޑް އޮފް ސެކިއުރިޓީ، ފަލާހް އަލް ހަފާޖީ ވިދާޅުވި އެވެ.

އިރާގުގެ ގިނަ ސަރަހައްދުތައް ހިސާރުކޮށްފައިވާ އައިއެސް އިން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ. އަދި އެހަމަލާ ދިނީ ސައިފުﷲ އަންސާރީ ކިޔާ ޒުވާނެއް ކަމަށް ބުނެ ފޮޓޯއެއް އާއްމުކޮށްފަ އެވެ.

ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން ބޮން ގޮވުމުގެ ކުރިން ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ޓީމާ އެޝަހަރުގެ މޭޔަރު ޓްރޮފީތައް ހަވާލުކުރަމުންދާ މަންޒަރު ފެނެ އެވެ.

"އޭނާ ބޮން ގޮއްވާލީ ކުޅުންތެރިންނަށް އެވާޑުތައް ދެމުން ދިޔަ ވަގުތު އެއްވެފައި ތިބި މީހުންގެ މެދަށް ވަދެ،" މަންޒަރު ދުށް އަލީ ނަޝްމީ ބުންޏެވެ. (އަލްޖަޒީރާ)