ހަށިވިއްކާ އަންހެނުންގެ ގާތަށް ދިއުމާއި ލަގްޒަރީ ހޮޓާތަކުގެ ހުރުމުގެ ޚަރަދު، ރިޝްވަތުގެ ގޮތުގައި ލިބިގަނެ، މެލޭޝިއާގެ ޑިފެންސް ކޮންޓްރެކްޓަރަކަށް އަސްކަރީ ސިއްރު މައުލޫމާތު ދިން ކަމުގެ ކުށުގައި އެމެރިކާގެ ކަނޑުގެ ސިފައިންގެ ކެޕްޓަނަކު ގާތްގަނޑަކަށް ހަތަރު އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އެމެރިކާގައި މިހާތަނަށް ފެންމަތިވި، އަސްކަރީ މީހުން ރިޝްވަތު ހިފުމުގެ އެންމެ ބޮ ކަންތައްކަނޑުގައި ކުށްސާބިތުވީ އުމުރުން 49 އަހަރުގެ ކެޕްޓަން ޑެނިއަލް ޑޫސެކްގެ މައްޗަށެވެ.

މެލޭޝިއާގެ ޑިފެންސް ކޮންޓްރެކްޓަރެއްކަމަށްވާ ލިއޮނާޑް ގްލެން ފްރެންސިސް ނަމަކަށް ކިޔާ މީހަކަށް އެމެރިކާގެ ކަނޑުގެ ސިފައިންގެ ސަބްމެރިންތަކުގެ ދަތުރު ޝެޑިއުލްތައް ދިން ކަމުގެ ކުށް ސާބިތުވުމުން އޭނާ ޖަލަށް ލުމަށް ހުކުމް ކުރުމުގެ އިތުރުން 70000 ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވާ ކަމަށް ދަ ގާޑިއަން ނޫހުން ބުންޏެވެ.

އެމައްސައިލަގައި ލިއޮނާޑް ގްލެން ފްރެންސިސް ވެސް ވަނީ ކުށްވެރިވެފައެވެ. އެގޮތުން އޭނާ ވަނީ އޭނާގެ ކުންފުންޏެއްކަމަށްވާ ގްލެން ޑިފެންސް މެރިން އޭޝިއާ (ޖީޑީއެމްއޭ) އޮޕަރޭޓް ކުރަމުން އަންނަ ބަނދަރުތަކުގައި މަނަވަރުތަކާއި ސަމްބެރިންތައް މަޑުކުރާނެ ކަން ކަށަވަރު ކުރުމަށް ޑޫސެކްއާއި އިތުރު މީހުންނަށް ހަދިޔާތައް ދިން ކަމަށް އިއުތިރާފްވެފައެވެ. ހަދިޔާގެ ގޮތުގައި ރަލާއި ކެއުންތަކާއި ލަގްޒަރީ ހޮޓާތަކުގައި ތިބުމުގެ ހަރަދާއި އެހެނިހެން ކަންތައްތައް ކޮށްދީފައި ވާ ކަމަށް އޭނާ ވަނީ އިއުތިރާފްވެފައެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ އުޅަނދުތައް މަޑު ކުރުމުން ދިން ހިދުމަތް ތަކަށް ޖީޑީއެމްއޭއިން 34 މިލިޔަން ޑޮލަރު ނަގަން ބިލުކުރި ކަމަށް ކޯޓަށް ހުށަހެޅި ލިޔެކިއުންތަކުން ވަނީ އެނގިފައެވެ.

"އެމެރިކާ ނޭވީގައި ކަލޭ ތިޔަ ހުރި މަގާމުގައި ހުރި މީހަކު ކަލެޔަށް ތިޔަ ލިބުނު ކަހަލަ ކަންތައްތަކަށް ވިކިދާނެ ކަމަށް ހިޔާލަށް ވެސް ނާދޭ. ހޮޓާތަކުގެ ކޮޓަރިތައް، މަޖާކުރުމާއި ހަށިވިއްކާ އަންހެނުންގެ ހިދުމަތްތައް،" ޑޫސެކްއަށް ހުކުމް ކުރި އެމެރިކާގެ ޑިސްޓްރިކްޓް ޖަޖު ސުމަރްޓީނޯ ބުނި ކަމަށް ނޫހުގައި ވެއެވެ.