26 Mar 2016, 14:48
ގއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބޭއްވި "ކީރިތި ޤުރުއާން ކިޔެވުމުގެ ގއ. އަތޮޅު މުބާރާތް 2016"ގެ އެއް ވަނަ އެ އަތޮޅު ވިލިނގިލިން ހޯދައިފިއެވެ.
އަތޮޅު ގުރުއާން މުބާރާތުގައި ކޮންމެ ރަށެއްގެވެސް ސްކޫލްތަކުގެ ދަރިވަރުން އެރަށެއް ތަމްސީލްކުރާ މި މުބާރާތުގައި ވިލިނގިލި ތަމްސީލްކޮށްދީފައި ވަނީ، އެރަށުގައި ހުންނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ.
ގއ. އަތޮޅުކައުންސިލްގެ ރައީސް ހުސައިން އާދަމް ވިދާޅުވީ، ގއ. އަތޮޅުގެ އަށް ސްކޫލަކުން ބައިވެރިވެގެން މި މަހުގެ 23 އިން 25 އަށް ކޮލަމާފުށީގައި ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ހަތް އުމުރުފުރާއަކުން ބަލައިގެން ކިޔެވުމުގެ ގޮފިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ޖުމްލަ 104 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން މުޅި މުބާރާތުގެ އެއްވަނަ ގއ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދި އިރު، ދެވަނަ ހޯދާފައި ވަނީ ގެމަނަފުށީ ސްކޫލެވެ. އަދި ތިން ވަނަ ލިބުނީ ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު މަދަރުސާ އަށެވެ.
މުބާރާތުގައި ނުބަލައި ކިޔެވުމުގެ ގޮފިން ހުރިހާ ވަނައެއް ހޯދާފައި ވަނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނެވެ. އެގޮތުން އެއް ވަނަ ހޯދާފައި ވަނީ މަރިޔަމް އަލީ އާއި މުހައްމަދު ޝައިހާން އަލީ އެވެ. ދެ ވަނަ މަރިޔަމް ޝުރާ ހަސަނަށް ލިބުނު އިރު، ތިން ވަނަ ލިބުނީ މުހައްމަދު އިފްހާމް ހަސަނަށެވެ.
ބަލައިގެން ކިޔެވުމުގެ ގޮފިން އެއް ވަނަ ހޯދާފައި ވަނީ، އަތޮޅު މަދަރުސާގެ އައިޝަތު ޒަހާ ހަލީލާއި ގެމަނަފުށީ ސްކޫލުގެ އަރުޝުﷲ ރާޝިދެވެ. ދެވަނަ ލިބުނީ ގ. ދެއްވަދޫ މަދްރަސަތުލް ސުލްތާން މުހައްމަދުގެ ދަރިވަރު ނަވްހާ ސައީދާ މަލްސާ ސައީދު އަދި ކޮލަމާފުށީގެ އައިޝަތު ޝިއުރާ އަށެވެ. އެ ގޮފިން ތިން ވަނަ ލިބުނީ، ގއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު މާހިން ސަބްރީ އެވެ.
ހުސައިން އާދަމް ވިދާޅުވީ، ގއ. އަތޮޅުގެ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އެ ގުރުއާން މުބާރާތަށް އަތޮޅުގެ ރަށްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
މުސްތަގުބަލުގައި މި މުބާރާތް މިހާރަށްވުރެވެސް ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް އަތޮޅުކައުންސިލުން ނިންމާފައިވާއިރު، މުބާރާތް ބާއްވާ ރަށް ކަނޑައަޅާނީ އެކަމަށް އެދި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ރަށެއް ބެލުމަށް ފަހުކަމަށް އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ކުރިން މުބާރާތް ނުބާއްވާ ރަށެއްގައި މުބާރާތް ބޭއްވުމަށް އިސްކަން ދޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.