26 Mar 2016, 14:44
އުތުރުގެ އަތޮޅުތަކުގައި ހިމެނޭ ސްކޫލުތަކަށް އަމާޒުކޮށްގެން އެމްއެންޑީއެފް ނޮދަން އޭރިއާ އިން ހިންގި ކެޑޭޓް ކޭމްޕް ނިންމާލައިފި އެވެ.
މި މަހުގެ 20 އިން 26 އަށްވ ހިންގި ކޭމްޕުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ ޅ. މަޑިވަރާއި މާފިލާފުށީގަ އެވެ.
އުތުރުގެ އަތޮޅުތަކަށް ނިސްބަތްވާ ނުވަ ސްކޫލަކުން 40 ދަރިވަރުން ބައިވެރިވި ކޭމްޕު ނިންމުމަށް ރޭ މަޑިވަރުގައި ބޭއްވި ރަސްމިއްޔާތުގައި ކޭމްޕުގެ ބައިވެރިންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފަ އެވެ.
އެ ކޭމްޕުގެ މަގްސަދަކީ އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ، މައިންބަފައިންނާއި ދޮށީ މީހުންނަށް އިހުތިރާމް ކުރާ، ދުނިޔޭގެ ކަންތައްތަކަށް ލޯ ހުޅުވިފައިވާ، ތެދުވެރި، ވަފާތެރި އަދި މުރާލި ކެޑޭޓަކަށް ހެދުމަށް ބާރު އެޅުމެވެ.
އަދި އެ ކޭމްޕުގައި ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމްދީނުގެ ރުކުންތަކަށް ފުރިހަމައަށް ބޯލަނބާ ކެޑޭޓެއް ކަމުގައި ދަރިވަރުން ހެދުމަށާއި ގައުމީ ރޫހާއި ގައުމީ ލޯބި އުފައްދައި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އުފައްދައި، އަދި ސިއްހަތާއި ހަށިހެޔޮކަމަށް ސަމާލުކަންދީގެންނެވެ.