26 Mar 2016, 13:18
މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑަށް އެއްވެސް ފައިސާއެއް ލިބިފައިނުވާ ކަމަށް އެ ފަންޑުގެ ފައިސާ ޚަރަދުކުރި ގޮތުގެ ރިޕޯޓުން ދައްކައިފި އެވެ.
އެ ފަންޑަށް އެއްވެސް ފައިސާއެއް ލިބިފައި ނުވާތީ ފައިސާ ޚަރަދު ކުރެވޭނެ ގޮތެއް ނެތެވެ. އެ ރިޕޯޓުގައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސް ފެށުނު އިރު ފަންޑުގެ އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާކުރެވިފައިނުވާ އިރު، މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ވެސް އެފަންޑަށް ފައިސާ ލިބިފައިނުވާ ކަމަށެވެ.
މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑަށް ޖަމާކުރެވޭނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ދައުލަތަށް ނެގޭ ފައިސާ އާއި ދައުލަތަށް ނެގޭ މުދާ ނީލަމުގައި ވިއްކައިގެން ލިބޭ ފައިސާ އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ މަސައްކަތައް އެކި ފަރާތްތަކުން ހަދިޔާކުރާ ފައިސާ އެވެ.
އެ ފަންޑަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ރިއާޔަތްކޮށް ދައުލަތުގެ މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އުފައްދާފައިވާ ފަންޑެކެވެ.
އެ ފަންޑުން ޚަރަދުކުރެވޭނީ މަސްތުވާތަކެތި ޓްރެފިކްކުރުން ހުއްޓުވުމުގެ މަސައްކަތަށާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ޚިދުމަތް ރަނގަޅުކުރުމަށް އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށެވެ.