ދެ ހާސް ހަތަރު ވަނަ އަހަރު، ކުރިމަތިވި ސުނާމީ ކާރިސާގައި މ. ކޮޅުފުށިން ގެއްލުން ލިބުނު ބައެއް ގެތަކުގެ މަރާމާތަށް، އެ ގެތަކުގެ ވެރި ފަރާތްތަކަށް ހައުސިން މިނިސްޓްރީ އިން ފައިސާ ހަވާލުކޮށްފައި ވަނީ ގެތަކަށް ލިބުނު ގެއްލުން ނުބަލައި ކަމަށް ވާތީ، އެ މަސައްކަތް ކުރިއަށް ދިޔަ ގޮތް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް އޮޑިޓު އޮފީހުން ލަފާދީފި އެވެ.

އޮޑިޓު އޮފީހުން އާންމު ކުރި ހައުސިން މިނިސްޓްރީގެ 2012 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ގެތަކަށް ލިބުނު ގެއްލުމުގެ ތަފްސީލް މިނިސްޓްރީ އިން ހޯދާފައި ނުވާ އިރު ފައިސާ ހަރަދު ކުރެވުނީ ކޮން ކަމަކަށް ކަންވެސް ކަށަވަރުކޮށްފައި ނުވާ ކަމަށެވެ.

އަދި އެކަން ކަށަވަރު ނުކުރުމަކީ މަރާމާތަށް ހިނގި އަސްލު ހަރަދަށް ވުރެ އިތުރަށް ފައިސާ ހަރަދުވާން މަގުފަހި ވާނެ ކަމެއް ކަމަށް ރިޕޯޓުގައިވެ އެވެ.

އޮޑިޓް އޮފީހުން ބުނީ ކޮޅުފުށިން ގެއްލުނު ލިބުނު ގެތަކަށް ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް ހޯދުމެއް ނެތި، 2012 ވަނަ އަހަރު 980,000 ރުފިޔާ ހަރަދުކޮށްފައިވާކަން ފާހަގަކޮށްފަ އެވެ.

އެހެންކަމުން މަސައްކަތް ކުރިއަށް ދިޔަ ގޮތް އިތުރަށް ބެލުމަށް އެ މައްސަލަ އޭސީސީ ފޮނުވުމަށް އޮޑިޓާ ޖެނަރަލް ވަނީ ލަފާދެއްވާފަ އެވެ.