26 Mar 2016, 12:58
އެމްބީއޭ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން އެއް ވަނަ ޑިވިޝަނުގެ ފައިނަލްގައި މިދިޔަ އަހަރު ވެސް ކުޅުނު ރެޑްލައިން ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ކުޅުނެ ޖެހިއްޖެ އެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ރެޑްލައިނުން ހޯދީ އިއްޔެ ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗު ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 64 ޕޮއިންޓް 28 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ރެޑްލައިންގެ އަލީ ފަޒްލީ އެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 16 ޕޮއިންޓް ހޯދި ހަސަން އަދުހަމް އެވެ.
ފައިނަލްގެ ފަހު ޖާގަ ޓީރެކްސް އިން ހޯދީ ރޭ ކުޅުނު ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ހަރިކޭންއާ ވާދަކޮށް 72 ޕޮއިންޓް 55 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޓީރެކްސްގެ ހުސެއިން ހަލީމް އަށެވެ. އެ ޓީމަށް އެންމެ ގިނަ ޕޮއިންޓް ހޯދައި ދިނީ 21 ޕޮއިންޓް އެއްކޮށްދިން އިބްރާހިމް ރަޝްވާން (ޗިކު) އެވެ.
ޓީރެކްސް އާއި ރެޑްލައިން ވާދަކުރާ ފައިނަލް މެޗު އޮންނާނީ މާދަމާ ރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ހޯލުގައި ކުޅެވޭ އިރު ދެވަނަ ޑިވިޝަންގެ ފައިނަލް މިރޭ ކުޅެވޭނެ އެވެ.
ދެ ވަނަ ޑިވިޝަންގެ ފައިނަލުގައި ސްޓިންގާސް ބީސީ ބައްދަލުކުރާނީ ދި ބައުސް ސްޕޯޓްސް ކްލަބާ އެވެ.