ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި އެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ މައްސަލަ މިދިޔަ ބުރާސްފަތި ދުވަހު ކެންސަލްކޮށްފައިވާ އިރު އެ މައްސަލައާ އެކު އިތުރު 49 މައްސަލައެއް ކެންސަލްކޮށްފައިވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.

ނާޒިމްގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ހިންގުމަށް ނާޒިމަށް ޗިޓު ފޮނުވުމަށް ފަހު ވެސް ބުރާސްފަތި ދުވަހު ވަނީ އެ މައްސަލަ ކެންސަލްކޮށްފަ އެވެ. އެހެންކަމުން އެ މައްސަލައިގައި ކަންތައްވެފައިވާ ގޮތް ސާފު ކުރެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އިސްކޮށް ހުންނަވައި ތިން މެންބަރަކު ވަނީ ކޯޓަށް ވަޑައިގެންފަ އެވެ.

އެކަމަކު ކްރިމިނަލް ކޯޓުން ބުނެފައި ވަނީ ނާޒިމްގެ މައްސަލަ ބައްލަވާ ގާޒީ ޔޫއެންޑީޕީގެ ދަތުރެއްގައި ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުން ވަރަށް ގިނަ މައްސަލަތަކެއް ކެންސަލްކޮށްފައިވާ ކަމަށެވެ. އެގޮތުން ނާޒިމްގެ މައްސަލައިގެ އިތުރުން 49 މައްސަލައެއް އެ ކޯޓުން ކެންސަލްކޮށްފައިވާނެ ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުނެފައިވެ އެވެ.

ކޯޓުން ބުނީ ނާޒިމްގެ މައްސަލަ ނޮވެމްބަރު 17، 2009ގައި އެ ކޯޓަށް ހުށަހެޅުނު ފަހުން ޝަރީއަތް ހިންގުމަށްޓަކައި ހަ ފަހަރެއްގެ މަތިން ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ތިން ފަހަރު މައްސަލަ ހިންގާފައިވާ އިރު ދެ ފަހަރު ޗިޓު ރައްދުވެފައިނުވާ ކަމަށް ކޯޓުން ބުނެ އެވެ. އަދި އެއް ފަހަރު ޗިޓު ހަވާލު ކުރުމަށްޓަކައި ނާޒިމްގެ ގެއަށް ދިޔައިރު އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ގެއިން ބުނެފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.