އަވަހާރަކޮށްލި އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، އިންދިރާ ގާންދީގެ މައްޗަށް ބިނާކޮށް ހަދާ ފިލްމު ނުފެށި ލަސްވަނީ ގާނޫނީ މައްސަލަތަކެއްގެ ސަބަބުން ކަމަށް މީޑިއާތަކުން ބުނެފި އެވެ.

"އަހަރެމެން މިތިބީ ސްކްރިޕްޓާ އެކު ތައްޔާރަށް. ނަމަވެސް މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ގާނޫނީ ކަންތައްތަކާ ހުއްދަ ހޯދުމުގެ މަސައްކަތް މިދަނީ ކުރަމުން. އަހަރެމެން މިތިބީ ވަރަށް ފޮޒިޓިވްކޮށް. އަހަރެމެންގެ އުއްމީދަކީ މި އަހަރުގެ ތެރޭގައި ޝޫޓިން ފެށުން،" މީޑިއާތަކަށް މައުލޫމާތުދިން މަސްދަރުތަކުން ބުނެ އެވެ.

"ޕޮއިންޓްބްލޭންކް އިންދިރާ"ގެ ނަންދީފައިވާ އެ ފިލްމު ޑައިރެކްޓްކުރަނީ، ފިލްމު، "ރަހަސްޔާ" އިން އާއްމުންގެ މަގްބޫލުކަން ހޯދި ޑައިރެކްޓަރު މަނީޝާ ގުޕްތާ އެވެ.

ފިލްމުގެ ޝޫޓިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ، ދެއްލީ އާއި މުމްބާއީގަ އެވެ. އަދި ބޮޑުވަޒީރު ކަމުގައި ގާންދީ ހުންނެވި އިރު، އިންޑިއާގައި 22 މަސް ވަންދެން އިއުލާންކުރެއްވި ކުއްލި ހާލަތުގެ އެޕިސޯޑްތަކެއް ވެސް ހިމެނޭނެ ކަމަށްވެ އެވެ.

ފިލްމުގައި ގާންދީގެ ރޯލުން ފެންނާނެ ކަމަށް ބެލެވިފައި ވަނީ، ހުނަރުވެރި ބަތަލާ ވިދްޔާ ބަލަން އެވެ.

މީގެ ކުރިން ވެސް ގާންދީއާ ގުޅުން ހުރި ފިލްމުތަކަކަށް ވަނީ މިފަދަ މައްސަލަތަކެއް ދިމާވެ، ބައެއް ފިލްމުތައް ދެއްކުން މަނާ ވެސް ކޮށްފަ އެވެ. އެގޮތުން ގާންދީ އަވަހާރި ކޮށްލި މީހުންގެ މައްޗަށް ހެދި ފިލްމު، "ގައުމު ދެ ހީރޭ" އަދި "ޑައިމަންޑްސް އޮފް ދަ ކޮމިއުނިޓީ" ފިލްމު ވަނީ 2014 ވަނަ އަހަރު ދެއްކުން މަނާކޮށްފަ އެވެ.