26 Mar 2016, 12:49
އޮންލައިން ޖާނަލްއެއްކަމަށްވާ، ސައިންޓިފިކް ރިޕޯޓްސްގައިވާ ދިރާސާއަކުން ބުނާ ގޮތުގައި ސައިންސުވެރިން ވަނީ ލޯ ނެތް ނަމަވެސް "ހަތަރެސްފައި ޖަހައިގެން އުޅޭ ޖަނަވާރުން ފަދައިން ހިނގާފައި އުޅޭ" މަހެއް ކޭވްފިޝް ނުވަތަ ހޮހޮޅަތަކުގަ ދިރިއުޅޭ މަހެއް ހޯދައިފަ އެވެ.
ކްރިޕްޓޮޓޯރާ ތަމިކޮލާގެ ނަން ދީފައިވާ އެ މަސް އުފެދިފައި ވަނީ "މީގެ ކުރިން ހަމައެކަނި ހަތަރު ފައި ހުންނަ ޖަނަވާރުގެ ހުންނަ ފަދަ ހަށިގަނޑަކާ އެއްކޮށް" ކަމަށް ދިރާސާގެ ބައިވެރިއެއް ކަމަށްވާ، ބްރޫކް ފްލަމަން ވިދާޅުވި އެވެ. އެގޮތުން މަހުގެ ޅިނދު ކަށިގަނޑާއި މައިބަދަ އުފެދިފައި ހުންނަ ގޮތުން ގްރެވިޓީއާ ދެކޮޅަށް މަހުގެ ހަށިގަނޑު އުފުއްލުމަށާއި ހިނގުމަށް ފަސޭހަވާ ކަމަށް ނިއުޖާޒީ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން އާއްމުކުރި ބަޔާނެއްގައި ފްލަމަން ވިދާޅުވި އެވެ.
ތައިލޭންޑުގެ ކަނު އަނދިރި ހޮހޮޅަތަކުން ފެނުނު ކްރިޕްޓޮޓޯރާ ތަމިކޮލާ ދިރިއުޅެނީ ބާރަށް ދަައުރުކުރާ ފެނުގަ އެވެ. ފެން ދައުރުކުރާ ގޮތް ބާރު ނަމަވެސް އެމަސް ގާތަކުގެ ހިފަހައްޓައިގެން ވޯޓަފޯލްތަކުގެ މައްޗަށް ވެސް އަރަ އެވެ.
ފެނުމުގެ ހިއްސު ލިބިފައި ނުވާ އެކުޑަ މަސް އެފަދަ ދަތި ހާލުގައި ދިރިއުޅުމަކީ ވަރަށް ވެސް އާދަޔާ ހިލާފު ކަމެއް ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުންޏެވެ. (ވޮޝިންޓަން ޕޯސްޓް)