26 Mar 2016, 12:10
ގދ. ފިޔޯރީ އެސޯސިއޭޝަން ފޮ ކޮމިއުނިޓީ އެމްޕަވާމެންޓް (ފޭސް) ޖަމިއްޔާ އިން އިސްނަގައިގެން ފިޔޯރީގެ ސްކޫލް ދަރިވަރުންނަށާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން "ފިޔޯރީގެ އެންމެ އަލިގަދަ ތަރި" ނަމުގައި ބޭއްވި ޤުރުއާން މުބާރާތުގެ އަލިގަދަ ތަރިއަށް ފާތިމަތު ޝާޔާ ހޮވިއްޖެ އެވެ.
ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކުގެ މަތިން ޤުރުއާން ކިޔަވާ ދަރިންތަކެއް އުފެއްދުމުގެ މަގްސަދުގައި މިމަހުގެ 23 އިން 24 އަށް ފިޔޯރީ ސްކޫލުގައި ބޭއްވި އެ މިބާރާތުގައި ބޮޑެތި މީހުންނާ އެކު އަށް އުމުރު ފުރާއަކުން 54 ދަރިވަރުން ބައިވެރިވެފައިވެ އެވެ.
މުޅި މުބާރާތުގެ އެންމެ އަލިގަދަ ތަރީގެ މަގާމު ޝާޔާ ހޯދިއިރު މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ އާޝީ އަޝްރަފެވެ. އަދި ތިން ވަނަ ހޯދީ ދިފްނާ ނިޒާމެވެ.
މުބާރާތުގެ އުމުރުފުރާ، ހަ އަހަކުން ބަލައިގެން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ދަރިވަރަކީ މަރިޔަމް ހައިފާ ފަތުހީ އެވެ.
ފޭސް ޖަމިއްޔާ އިން ބުނާ ގޮތުން، އެ ޖަމިއްޔާ އިން ފިޔޯރީގައި ބޭއްވި އެ މުބާރަތަކީ ޖަމިއްޔާއަކުން މިހާތަނަށް އެ ރަށުގައި ބޭއްވި އެންމެ އަގުބޮޑު ޤުރުއާން މުބާރާތެވެ.
އެގޮތުން މުޅި މުބާރާތުގެ އެއް ވަނަ އިނާމަކަށް ފަސް ހާސް ރުފިޔާ އަދި ދެވަނަ އިނާމަކަށް ދެ ހާސް ރުފިޔާ ހުށަހަޅާފައިވާ އިރު، ތިން ވަނަ އިނާމަކަށް ވަނީ އެއް ހާސް ރުފިޔާ ހުށަހަޅައިފަ އެވެ.