26 Mar 2016, 10:55
އިރާގާއި ސޫރިޔާގައި އައިއެސް ޖަމާއަތް ވަރަށްބޮޑަށް ބަލިކަށިވެ އައިއެސްގެ ކޮންޓްރޯލްގެ ދަށުގައިވާ ގިނަ ބިންތަކެއް އެޖަމާއަތަށް ގެއްލިއްޖެ އެވެ.
ސޫރިޔާ އިން މިދިޔަ ހުކުރުދުވަހުވަނީ އައިއެސްގެ އަތްދަށުގައިވާ އެގައުމުގެ ޕަލްމެއިރާ (ތަދްމުރު) އެއްކޮށް މިނިވަންކޮށް އަލުން އަނބުރައި ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް އެރަށް ގެނަސްފަ އެވެ. އެ ރަށް މިނިވަންކޮށްފައި ވަނީ ރަޝިޔާ ދިން ވައިގެ ޙަމަލާތަކުގައި އެރަށުގައިތިބި އައިއެސްގެ ގިނަ ކޮމާންޑަރުންނާއި ހަނގުރާމަވެރިން މަރުވުމާއެކު އަނެއްބައި ހަނގުރާމަވެރިން ފިލައި ރައްކާވުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިރާގުން ވަނީ އެ ގައުމާއި ސޫރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ބޮޑު ސަރަހައްދަކުން ވެސް އައިއެސްގެ ހަނގުރާމަވެރިން ފައްސާލައި އެސަހައްދު ސަރުކާރު ސިފައިންގެ އަތްދަށަށް ގެންގޮސްފައިވާކަން ބުރާސްފަތި ދުވަހު ހާމަކޮށްފަ އެވެ. އަދި އިރާގު ސިފައިންވަނީ އެގައުމުގެ ހުޅަނގުގެ ޕްރޮވިންސެއް ކަމަށްވާ ނައިނަވާ އައިއެސްގެ އަތްދަށުން މިނިވަން ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ވެސް ފަށާފަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު އިރާގުން ވަނީ އެގައުމުގެ އަލްއާންބާރު ޕްރޮވިންސްގެ ވެރިރަށް އަލްއަންބާރު ސިޓީވެސް އައިއެސްގެ ވަކިތަކުން މިނިވަންކޮށްފަ އެވެ. ބްރަސަލްގެ ޓެރަރިސްޓް ހަމަލާތަކަށް ފަހު އެމެރިކާ އާއި ރަޝިޔާ އިން ވަނީ ސޫރިޔާގައިވާ އައިއެސްގެ މަރުކަޒުތަކަށް ތިންދުވަސްވަންދެން މެދުކެނޑުމެއްނެތި ޙަމަލާތައް ދީފަ އެވެ. މިޙަލާތަކުގައި ސޫރިޔާގައިވާ އެޖަމާއަތުގެ ފަންސާހަށް ވުރެ ގިނަ މަރުކަޒު ހަލާކުކޮށްލައި އެޖަމާއަތުގެ ގިނަ އަދަދެއްގެ ލީޑަރުންނާއި ކޮމާންޑަރުން މަރާލެވުނުކަން އެދެގައުމުން ބުނެފައިވާ އިރު ސޫރިޔާގެ މުސްތަގިއްލު ޖަމާއަތެއްކަމަށްވާ "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިންވެސް ވަނީ އައިއެސްގެ ގިނަ އަދަދެއްގެ ލީޑަރުންނާއި ކޮމާންޑަރުންގެ މަރުވެފައިވާ ހަށިތައް ސޫރިޔާގެ އެތަންމިތަނުން ފާއިތުވި ދެތިން ދުވަހު ފެނިފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
މީގެމާނައަކީ ސޫރިޔާ އާއި އިރާގުގެ ނިކަމެތި ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކަށާ އަދި އެނޫން ގައުމުތަކަށް ވެސް ޓެރަރިސްޓް ޙަމަލާތައް ދިނުމުގެ ގާބިލްކަން އައިއެސްގެ ކިބައިން ގެއްލިގެންދިޔުން ނޫންކަމަށް އޮބްޒާވަރުން ވިދާޅުވެ އެވެ. ނަމަވެސް އިރާގާއި ސޫރިޔާގެ ރައްޔިތުންނަށް އިސްވެ ޙަމަލާދީ އެދެގައުމުގެ އާންމުން ކަތިލައި ބޭރުމީހުން މީހުން ރަހީނުކޮށް ބައިމަދު ނަސްލުތަކުގެ އަންހެނުން ވަގަށްނަގައި އެމީހުން ރޭޕްކޮށް އަންހެނުން އަޅުވެތިކޮށްގެން އަޅުންގެ ބަޒާރު ހަދައިގެން އެބާޒާރުގައި އަޅު އަންހެނުން ވިއްކުމަށް އައިއެސްއިން ހިންގާ ހަރުކަށި އަދި ލާއިންސާނީ އަމަލުތައް މިހާރު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް އޮބްޒާވަރުން ބުނެއެވެ.
ސޫރިޔާ އާއި އިރާގުގައި އައިއެސް ބަލިކަށިވަމުން ދިޔަ ނަމަވެސް ލިބިޔާގައި އެޖަމާއަތް ގެންދަނީ ބާރުގަދަ ކުރަމުންނެވެ. ކުރިން ސޫރިޔާގައި އައިއެސްގެ ބާރު ވަރުގަދަވެގެން ދިޔައީވެސް ތުރުކީން އައިއެސްއަށް ދޫތަކެއްދީ އައިއެސްއާ ގުޅުމަށް ދުނިޔޭގެ ގައުމުތަކުން އަންނަ މަގުއޮޅިފައިވާ ޒުވާނުން ތުރުކީގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް ވަނުމުގެ މަގު ތުރުކީ ސަރުކާރުން ތަނަވަސްކޮށްދިނުމުންނެވެ.
މީގެ އިތުރުން އައިއެސްއިން ތެޔޮވިއްކުމަށާއި އެޖަމާއަތުން ހިންގާ ސަޕްލައިގެ ހަރަކާތްތަކަށް ވެސް ތުރުކީން ވަނީ ނުސީދާ ގޮތެއްގައި ފަސޭހަތައް ދީފަ އެވެ. އަދި ސިޔާސީ މަގްސަދްތައް ހާސިލްކުރުމަށް ޓަކައި އައިއަށް ބާރުގަދަ ކުރުމުގެ ފުރްސަތު އެމެރިކާ އިން ދީފައިވާކަމަށް ގިނަ ރިޕޯޓްތަކެއް ބުނެ އެވެ. ނަމަވެސް އައިއެސް އިން ޔޫރަޕަށް ހަމަލާތައް ދޭން ފެށުމާ ގުޅިގެން ސިއްރިޔާތުގައި އައިއެސްއަށް އެހީވުމުގެ މަސައްކަތް އެމެރިކާ ހުއްޓާލާފައިވާ ކަމަށްވެ އެވެ.
ތުރުކީއާއި އެމެރިކާއިން މިކަންކޮށްފައިވަނީ ސޫރިޔާ ސަރުކާރު ވައްޓާލުމަށް މަގުފަހިކުރުމުގެ ގޮތުންނެވެ. ނަމަވެސް އެންމެފަހުން އައިއެސްއިން ތުރުކީގައި ބޮންގޮއްވަން ފެށުމުން މިއަހަރުގެ ޖަނަވަރީން ފެށިގެން ތުރުކީންވަނީ އައިއެސްއަށް ދީފައިވާ ފަސޭހަތައް އަނބުރައި ގެންގޮސް އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައެވެ.
އަނެއްކޮޅުން އެމެރިކާގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރުވަނީ އައިއެސް ޖަމާއަތުގެ މާލީ ކަންކަމާބެހޭ އިސްވެރިޔާ ހަޖީ އީމާން މަރާލެވުނުކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ. ހަޖީ އީމާންގެ އަސްލު ނަމަކީ އަބްދުއްރަޙްމާން އަލް ގާދޫލީއެވެ. އޭނާ މަރުވީ އައިއެސްގެ އިދާރީ މަރުކަޒުތަކަކަށް ދިން ވައިގެ ޙަމަލާތަކެއްގައި ކަމަށްވަނީ ބެލެވިފައެވެ. ރަޝިޔާ ސިފައިން އައިއެސްއާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ރަޝިޔާގެ އިސް ޖެނެރަލަކު މދިޔަ ހަފްތާގައި ސޫރިޔާގައި މަރުވެފައިވެއެވެ. (ނޫސްއެޖެންސީތައް)