ކަމްޕަލާ (މާޗް 26): ދަރިންނަށް ވެކްސިން ދޭން ދެކޮޅުހަދާ މައިންބަފައިންނަށް ހަ މަހުގެ ޖަލު ހުކުމް ކުރެވޭ ގާނޫނެއް އެ ގައުމުގެ ރައީސް، ޔުވޭރީ މުސެވެނީ ފާސްކުރައްވައިފި އެވެ.

ޔުގަންޑާގެ ރައީސް މުސަވޭނީ އެގާނޫނު ފާސް ކުރެއްވީ މިމަހުގެ 10ގަ އެވެ. ނަމަވެސް، ގާނޫނު އާއްމު ކުރެއްވީ ދާދި ފަހުންނެވެ.

އެގާނޫނުގައިވާ ގޮތުން ކުއްޖާ ސްކޫލަށް ދިޔުމުގެ ކުރިން އެ ކުއްޖާ އަށް އާއްމު ބަލިތަކަށާއި ފުރާނަ އަށް ނުރައްކާވާ ޕޯލިއޯ ފަދަ ބަލިތަކުގެ ވެކްސިން ދޭން ޖެހޭނެ އެވެ. އަދި ވެކްސިން ދިންކަން އަންގަން ކުއްޖާގެ އަތުގައި އިމިއުނައިޒޭޝަން ކާޑެއް އޮންނަންވާނެ އެވެ.

އެ ގާނޫނު ފާސްކުރުމުން ޔުގަންޑާ ސަރުކާރުގެ "ވެކްސިނޭޝަން އަމާޒަށް" ވާސިލުވުމަށް އެހީތެރިވެދޭނެ ކަމަށް ޔުގަންޑާގެ ހެލްތް މިނިސްޓަރު ސާރާ އޮޕެންޑީ ވިދާޅުވި އެވެ.

އޮޕެންޑީ ވިދާޅުވީ ޔުގަންޑާގެ ކުޑަކުދިންގެ ތެރެއިން ތިން ޕަސެންޓު ކުޑަކުދިންނަށް ވެކްސިން ދީފައި ނުވާ ކަމަށެވެ. ސަބަބަކީ ބައެއް މައިންބަފައިންނާއި އެގައުމުގެ ދީނީ ޖަމާއަތަކަށް ނިސްބަތްވާ މެމްބަރުން އެކުދިންނަށް ވެކްސިން ދޭން ދެކޮޅުހެދުން ކަމަށް އޮޮޕެންޑީ ވިދާޅުވި އެވެ.

ކުޑަކުދިންނަށް ވެކްސިން ދިނުމާ ދެކޮޅުހަދާ ޔުގަންޑާގެ ދީނީ ޖަމާއަތުގައި މިހާރު 666 މީހުން އެބަތިބި ކަމަށް އޮޕަންޑީ ވިދާޅުވި އެވެ. އެޖަމާއަތުގެ ބައެއް ލީޑާރުން ހައްޔަރު ކުރި ނަމަވެސް، ކުޑަކުދިންނަށް ވެކްސިން ދިނުމަށް ހުރަސްއަޅާ މީހުންނާ ދެކޮޅަށް މީގެ ކުރިން ގާނޫނެއް ހަދާފައި ނެތުމުން އެމީހުންގެ މައްޗަށް ދައުވާ ކޮށްފައި ނުވާ ކަމަށް އޮޕެންޑީ ވިދާޅުވި އެވެ.

ދެހާސްފަނަރަ ވަނަ އަހަރު ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ޔުގަންޑާގައި ކޮންމެ 1000 ކުދިންގެ ތެރެއިން 70 ކުދިން ފަސް އަހަރު ފުރުމުގެ ކުރިން މަރުވާނެ ކަމަށް ލަފާކޮށްފަ އެވެ. (ބީބީސީ)