ރާއްޖޭގެ ލޮނުގަނޑުގެ އެންމެ ޓެމްޕަރޭޗާ މަތީ ދެކުނުގެ އަތޮޅުތަކުގައި ކަމަށް ވިއަސް، މަސް މަރުވެގެން ލައްގަނީ އުތުރުގެ އަތޮޅުތަކުގެ ރަށްތަކަށް ކަމަށް މެރިން ރިސާޗު ސެންޓަރުން ބުނެފި އެވެ.

ކޮންމެ އަހަރެއްގެ ވެސް މިދުވަސްވަރަކީ ހޫނު ގަދަވުމުގެ ސަބަބުން މަސް މަރުވެގެން ލައްގާ ދުވަސްވަރެކެވެ. މިއަހަރު ވެސް އުތުރުގެ ގިނަ ރަށްތަތަކަށް ދަނީ މަސް މަރުވެގެން ލައްގަމުންނެވެ.

މެރިން ރިސާޗް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް ޑރ. މުހައްމަދު ޝިހާމް އާދަމް މިއަދު ސަން އަށް ވިދާޅުވީ ހޫނު ގަދަވުމުގެ ސަބަބުން ލޮނުގަނޑުގެ ޓެމްޕަރޭޗާ އެންމެ މަތީ ދެކުނުގެ އަތޮޅުތަކުގައި ކަމަށް ވުމުން މަސް މަރުވުން ފަދަ ކަންކަން ދިމާވަން ޖެހޭނީ އެ ސަރަހައްދުގެ ރަށްތަކުގައި ކަމަށެވެ. ނަމަވެސް މުޅިންހެން މަސްމަރުވެގެން ލައްގަނީ އުތުރުގެ ރަށްތަކަށްކަމުން އެއީ ކިހިނެއްވާ ކަމެއްތޯ ބަލަމުން އަންނަ ކަމަށް ޝިހާމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިސުވާލު އުފައްދަނީ ކީއްވެގެންބާއޭ އުތުރުގައި މިހެންވަނީ، ފިޒިކަލް ގޮތުން ފަރުތައް ފަޅުތަކަށް، އެބަހުރި ފާހަގަވާ ކަންތައްތަކެއް،" ޝިހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެވާގޮތެއް ބަލަމުން އަންނަ ކަމަށާއި އަބަދު އެކަން ދިމާވާ ނަމަ އެއީ އިތުރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ބޮޑަށް ބެލެވޭ ގޮތުގައި އެގޮތަށް ދިމާވަމުން ދަނީ ހޫނުގަދަވުމާއި ދިޔަވަރު މަޑުވުމުގެ ސަބަބުން އޮކްސިޖަން މަދުވުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން ފަރުތަކާއި ފަޅުތައް އުފެދިފައިވާ ގޮތުން އެފަދަ ކަންކަން ކުރިމަތި ވެދާނެ ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.

އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި މިއީ މާހައުލަށް އަންނަ ބަދަލުން އަންނަ ކަމެއްގެ ސަބަބުން ދިމާވާ މައްސަލައެއް ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވީ އެގޮތަށް މަރުވެގެން ލައްގާ މަސް ނުކެއުމަށް އިލްތިމާސް ކުރާ ކަމަށެވެ. އެގޮތަށް ލައްގާ މަސް ވަޅުލުމަށް އޭނާ ލަފާދެއްވި އެވެ.

ކޮންމެ އަހަރަކު ވެސް މިދުވަސްވަރު މަސް މަރުވާ އިރު ގިނައިން މަރުވަނީ ރޮނޑެވެ. ބޮޑަށް ބެލެވޭ ގޮތުގައި މަސްމަރުވުން ހުއްޓޭނީ އޭޕްރީލް ނުވަތަ މެއި ހިސާބުގައި ޓެމްޕަރޭޗާ ދަށްވުމުންނެވެ.