26 Mar 2016, 13:21
އެއްވެސް ގެސްޓް ހައުސް އަކަށް އަދި ހޮޓަލަކަށް އެއާޕޯޓު އިންފޯމޭޝަން ކައުންޓަރުން ގުޅައި ނުދޭނެ ކަމަށް ފެތުރެމުންދާ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
އެއާޕޯޓުގައި ހުންނަ އިންޕޯމޭޝަން ކައުންޓަރުގައި އެއްވެސް ގެސްޓް ހައުސް އަކަށް އަދި ހޮޓަލަކަށް ގުޅައި ނުދޭނެ ކަމަށް ބުނެ ހިއްޕާފައިވާ "ނޯޓިސް" އެއްގެ ފޮޓޯއެއް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެކަމާ ގުޅިގެން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ "ސަން" އަށް ވިދާޅުވީ، ގެސްޓް ހައުސްތަކަށް ގުޅައިދިނުން ހުއްޓާނުލާ ކަމަށާއި މިހާރު ވެސް ގުޅައިދެމުން ގެންދާ ކަމަށެވެ.
"އެއީ ސައްހަ ނޯޓިސްއެއް ނޫން. އަޅުގަނޑުމެން ފަތުރުވެރިއަކަށް ނުވަތަ އިންފޮމޭޝަން ކައުންޓަރުން މައުލޫމާތު ހޯދަން އަންނަ އެހެން މީހަކަށް ނަމަވެސް މައުލޫމާތުދީ އެކި ކަންކަމުގައި އެހީ ވަމުންގެންދާނީ އަބަދުވެސް. ނަމަވެސް ބައެއް ގެސްޓަހައުސް އަދި ހޮޓާތަކުން އެކަމުގެ ނާޖާއިޒު ފައިދާ ވަރަށް ނޭދެވޭ ގޮތަކަށް ނަގާ،" އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ އެ ލިޔުން އެތަނުގައި ހިއްޕީ އެމްއޭސީއެލްގެ ސްޓާފެއް ކަމަށް ބެލެވޭ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އިންފޮމޭޝަން ކައުންޓަރުގެ ބޭނުން ބައެއް ފަރާތްތަކުން ނޭދެވޭ ގޮތަކަށް ހިފަމުން އަންނަކަން ފާހަގަކުރައްވައި އާދިލް ވިދާޅުވީ، ބައެއް ގެސްޓްހައުސްތަކަށް ބުކިން ހައްދައިގެން އަންނަ ފަތުރުވެރިން ރިސީވްކުރަން އެ ފަރާތްތަކުން އެއާޕޯޓަށް ނުދާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުން ފަތުރުވެރިން ހޮޓަލަށް ނުވަތަ ގެސްޓްހައުސް އަށް ފޮނުވުމުގެ ކަންކަން އެއާޕޯޓް އިންފޮމޭޝަން ކައުންޓަރު މެދުވެރިކޮށް ކުރަމުން އަންނަ ކަމަށެވެ.
"ބައެއް ފަރާތްތަކުން އެބަހުރި އެ ބޭފުޅުންގެ ކޮންޓެކްޓެއްގެ ގޮތުގައި ވެސް އެއާޕޯޓް އިންފޮމޭޝަން ކައުންޓަރުގެ ނަންބަރު ދީފައި. ހާއްސަކޮށް ހުޅުމާލޭގައި ހިންގާ ތަންތަން. އެބޭފުޅުން ބޭނުމެއް ނުވޭ ނޫނީ މަސައްކަތަކަށް ވަނީ އެއާޕޯޓަށް ބަލައި އަންނަން. އެހެންވީމަ އެގޮތަށް އެކަން ނުކުރާށޭ އަޅުގަނޑުމެން މި އަންގަނީ. މިހެން ވާންވެއްޖެއްޔާ އަޅުގަނޑުމެން ކައިރިން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އޮންނާނީ ހިދުމަތް ރަނގަޅަށް ނުލިބި،" އާދިލް ވިދާޅުވި އެވެ.
އާދިލް ވިދާޅުވީ އެގޮތަށް އެއާޕޯޓް އިންޕޮމޭޝަން ކައުންޓަރުގެ ނަންބަރު ބޭނުންކުރަމުން އަންނަ ފަރާތްތަކަށް އެގޮތަށް އެކަން ނުކުރަން މިހާރު އަންގާފައިވާނެ ކަމަށެވެ.
"އިންފޮމޭޝަން ކައުންޓަރުގެ ދައުރަކީ މައުލޫމާތުތައް ދިނުން. ފޯނު ކޯލުތައް ނުކުރާނެއެކޭ ނޫން. ކޮށްދޭނެ. އެކަމަކު މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ނަންބަރު ގެސްޓްހައުސްތަކުގެ ކޮންޓެކްޓަކަށް ހަދަންޏާ އެއީ ވަރަށް ދެރަ މައްސަލައެއް،" އާދިލް ވިދާޅުވި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް އަދި ޓޫރިސްޓު ހޮޓާތައް ތަރައްގީކުރަމުން އަންނަ އިރު، ގެސްޓް ހައުސްތަކުގެ އޮކިއުޕެންސީ ވެސް އަންނަނީ މަހަކަށް ފަހު މަހެއް އިތުރުވަމުންނެވެ.