ގޭންގުތަކުގައި ހަރަކާތްތެރިވާ ހަ މީހެއްގެ މައްޗަށް ހައިކޯޓުން ނެރުނު މޮނިކޮން އަމުރު (މީހާ އުޅޭ ގޮތް މޮނިޓަރކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު) ތަންފީޒު ކުރަން ފައްޓައި އެ މީހުންގެ ގައިގައި ޓެގް އަޅުވައިފި އެވެ.

ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ 11 މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދިފަ އެވެ. އެ އެންމެންގެ މައްޗަށް ވެސް މިހާރު ހައި ކޯޓުން މޮނިކޮން އަމުރު ނެރެފައިވާ އިރު، ފުރަތަމަ އަމުރު ނެރުނު ހަ މީހުންގެ މައްޗަށް މިހާރު ވަނީ އަމުރު ތަންފީޒު ކުރަން ފަށައިފަ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ރޭ ސަން އަށް ވިދާޅުވީ ގޭންގުތަކުގައި ހަރަކާތްތެރިވާ ހަ މީހެއްގެ މައްޗަށް ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުގެ ގޮތުންް އެމީހުންގެ ފައިގައި ޓެގް އަޅުވާފައިވާ ކަމަށެވެ.

ހައިކޯޓުގެ އަމުރާ އެކު އަމުރު ތަންފީޒް ކުރަމުންދާ ހަ މީހުންނަކީ މ. ލިލީޕާކް ފަޒީލް ހަމީދު (25އ) އާއި، ގ. ކެރަފާގެ މުހައްމަދު ޝާބިލް އިސްމާއީލް (23އ) އާއި ދަފްތަރު އާރު އެސް. 9634 މިދުހަތު އަބޫބަކުރު (20އ) އާއި، ގއ. ދާންދޫ ފަހުދާ ވާދީ، ފައްސާން ވަލީދު (20އ) އާއި، މ. ހިއްސާ، އާތިފް އަބްދުލް ހަލީމް (24އ) އާއި، ދަފްތަރު ނަމްބަރު ޑީ.އެޗްއާރު. 1475، އަހްމަދު ރިޒާމް (26އ) އެވެ.

މޮނިކޮން އަމުރު ނެރެފައިވާ 11 މީހުންނަކީވެސް ގްރޫޕް ހަދައިގެން މުޖުތަމައަށް ނުރައްކާވާ ފަދަ ބޮޑެތި ކުށްތައް ތަކުރާރުކޮށް ކުރަމުން އަންނަ ބައެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހައިކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވާ އެ ހަ މީހުން މޮނިޓާ ކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައް:

  • ރޭގަނޑު 10:00 އާއި ހެނދުނު 6:00 އާ ދެމެދު ގެއިން ބޭރަށް ނުދިއުން.
  • ހޯމް މިނިސްޓަރުގެ ހުއްދަ ނެތި މާލެއިން ފުރައިގެން ނުދިއުން.
  • އެ އަމުރުގައި ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކަށް ނުދިއުން.
  • އެމީހުންގެ މާލީ މުއާމަލާތްތަކާއި މުދާ ކޮންޓްރޯލްކުރުމުގެ ގޮތުން ފިޔަވަޅު އެޅުން.
  • އެމީހުން މުއާސަލާތީ މުއާމަލާތްތައް ކޮންޓްރޯލްކުރުން.
  • ފުލުހުންގެ މަރުކަޒަށް ހާޒިރުވެ ސޮއިކުރުން.
  • އިލެކްޓްރޯނިކް އާލާތްތައް އެމީހުންގެ ހަށިގަނޑުގައި ނުވަތަ ދިރިއުޅޭތަނުގައި ހަރުކުރުމާއި އެމީހެއްގެ ފޮޓޯއާއި ދިރިއުޅޭ ތަންތަނުގެ ފޮޓޯއާއި އެމީހެއްގެ ފިންގާ ޕްރިންޓްފަދަ ސާމްޕަލްތައް ނަގައި އެމީހުން މޮނީޓަކޮށް ކޮންޓްރޯލްކުރުން.

ތަކުރާރުކޮށް ކުށްކުރާ އަދި ޚާއްސަކޮށް ވަކި ސަަރަހައްދުތަކަށް އެއްވެ ތިބެ އެސަރައްދުގައި އުޅޭ މީހުންނަށް ފުރައްސާރަކޮށް އުނދަގޫކޮށް ތަފާތު ކުށްތައް ކުރަމުންދާ ބަޔަކާ މެދު މިފަދަ ފިޔަވަޅުތަކެއް ތަންފީޒުވެގެން ދިއުމަކީ އާއްމު ރައްކާތެރިކަމާއި އަމަން އަމާންކަން އިތުރުވެގެން ދާނެކަމެއްކަމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން ފާހަގަކުރެ އެވެ.

އެ އަމުރާ ޚިލާފްވާ ފަރާތްތަކާ މެދު ގާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ވެސް ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ މޮނިކޮން އަމުރު ހިންގާ މީހުންގެ ކަންކަން ބަލަހައްޓައި މޮނިޓާ ކުރެވޭނެ ހަރުދަނާ ނިޒާމެއް ފުލުހުންގެ މުއައްސަސާގައި ގާއިމް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މީހުންނަށް އެ އަމުރުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން ފުރިހަމަ ކުރުންމަތީ ދެމިތިބޭތޯ ބަލައި ދުވަހުން ދުވަހަށް އަދި ވަގުތުން ވަގުތަށް އެކަންކަން ބެލެހެއްޓިގެން ދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.