30 Apr 2011, 09:43
އިސްލާމް އާބާދު : ޕާކިސްތާނުން ކުރޫޒް މިސައިލެއް ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފިއެވެ. "ޙަތްފު 8" މަރުކާގެ މިމިސައިލަކީ ނިއުކްލިޔަރ ބޯ ހަރުކުރެވޭގޮތަށް ތައްޔާރުކޮށްފައިވާ މިސައިލެކެވެ.
މިމިސައިލާބެހޭގޮތުން ޕާކިސްތާނުގެ ޢަސްކަރީ ތަރްޖަމާނެއްކަމަށްވާ ޖެނެރަލް އަތްހަރު ޢައްބާސް ވިދާޅުވީ މިއީ އަމާޒަށް ވާސިލްވުމުގައި މަސްނޫޢީ ސިކުނޑިއާއި ރާޑަރ ބޭނުންކުރުމުގެ ޤާބިލްކަން ލިބިފައިވާ ވަރަށް މަތީފެންވަރުގެ ޓެކްލޮނޮޖީގައި އުފައްދާފައިވާ މިސައިލެއްކަމުގައެވެ. ޖައްވުންވެސް ފޮނުވާލެވޭގޮތަށް މިބާތުގެ މެދުރާސްތާގެ މިސައިލް ވެސް ޕާކިސްތާނުން ތަރައްޤީ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިއްޔެ ޕާކިސްތާނުން ތަޖްރިބާކުރި ކުރޫޒް މިސައިލްގެ ރާސްތާއަކީ 350 ކިލޯމީޓަރެވެ. މި މިސައިލް ތަޖްރިބާކުރި ތަން ޕާކިސްތާން ސަރުކާރުން ހާމައެއްނުކުރެއެވެ. ޕާކިސްތާނަކީ ނިއުކްލިޔަރ ހަތިޔާރުގެ ޤާބިލްކަން ލިބިގެންވާ މަދުޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. ޕާކިސްތާނުގެ ޢަސްކަރީ ޢަޤީދާ ބިނާވެފައިވަނީ ޤައުމުގެ ދިފާޢީ އައްޑަނައެއްގެ ގޮތުގައި ނިއުކްލިޔަރ ހަތިޔާރުގެ ޑިޓަރެންޓެއް ބިނާކުރުމުގެ މައްޗަށެވެ.
ނިއުކްލިޔަރ ހަތިޔާރު އުފުލުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލާއި ނިއުކްލިޔަރ ސަބްމެރިން ފަދަތަކެތި އުފެއްދުމަކީ މިޑިޓަރެންޓް ބިނާކުރުމުގެ ބައެއްކަމަށް ޕާކިސްތާނުން ދެކެއެވެ.
ޕާކިސްތާނުން ނިއުކްލިޔަރ ހަތިޔާރެއް ފުރަތަމަ ފަހަރަށް ތަޖްރިބާކޮށްފައިވަނީ 1998 ގައެެވެ. ޕާކިސްތާނުގެ ނިއުކްލިޔަރ އައްޑަނައިގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެެ ބޮޑުބާރަކަށް ބަދަލުވަމުންދާ އަވަށްޓެރި އިންޑިޔާގެ ކުރިމަތީގައި ޤައުމު ދިފާއުކުރުންކަމަށް އެޤައުމުން ބުނެއެވެ.
އިންޑިޔާ ކިތަންމެ ބާރުގަދަނަމަވެސް ޕާކިސްތާނުގައި ނިއުކްލިޔަރ ޤާބިލްކަން ހުރުމުގެ ސަބަބުުން ޕާކިސްތާނަށް ގޯނާކުރުމަކީ އިންޑިޔާ އަށް ކުރަންކެރޭނެ ކަމެއްނޫންކަން 2000 ވަނަ އަހަރު ކިރްގީލްގައި ހިނގި ކުރިމަތިލުންތަކުން ވަނީ ހާމަވެފައެވެ.
އިންޑިޔާއަކީ ޕާކިސްތާން ފުނޑުފުނޑުކޮށްލުމުގެ ޢަސްކަރީ ޤާބިލްކަން ލިބިފައިވާ ބާރުގަދަ ޤައުމެކެވެ. ނަމަވެސް ޕާކިސްތާނަކީވެސް ނިއުކްލިޔަރ ރައްދެއްދީގެން އިންޑިޔާ ސުންނާފަތި ކޮށްލުމުގެ ޤާބިލްކަން ލިބިފައިވާ ޤައުމެއްކަމަށްވާތީ މިދެޤައުމުގެ މެދުގައި ހަނގުރާމައެއް ހިނގުމުގެ ފުރްސަތު މިހާރު ވަރަށް ކުޑަކަމަށް ތަޖްރިބާކާރުން ދެކެއެވެ. (ނޫސްއެެޖެންސީތައް)