26 Mar 2016, 09:54
ވޮޝިންޓަން (މާޗް 26): އިސްލާމިކް ސްޓޭޓް (އައިއެސް) ނައްތާލާނެ ކަމަށް ބުނެ އެމެރިކާގެ ހާއްސަ ފައުޖުތަކުން މަހެއްހާ ދުވަސް ކުރިން ފެށި އާއޮޕްރޭޝަނުގައި ދިން ވައިގެ ހަމަލާތަކުގައި އައިއެސްގެ ކޮމާންޑަރު މަރާލާފައިވާ ކަމަށް ޕެންޓަގަނުން އިއްޔެ ބުނެފި އެވެ.
އެމެރިކާގެ ފައުޖުތަކުން އެންމެ ފުރަތަމަ ރޭވީ އައިއެސްގެ އިސް އެއް ކޮމާންޑަރު ކަމަށްވާ، އަބްދުއްރަހްމާން މުސްތަފާ އަލްގަދުލީ ދަތުރުކޮށްފައި ދިޔަ އުޅަނދު ކައިރިއަށް އެމެރިކާގެ ދެ ހެލިކަޕްޓަރުން ގޮސް އޭނާ ހައްޔަރު ކުރަން ކަމަށް، ނަން ހާމަކުރަން ބޭނުންނުވާ އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. ނަމަވެސް، އެއާ ހިލާފަށް ސިފައިން ވަނީ އަލްގަދުލީގެ އުޅަނދަށް ހަމަލާދީ އޭނާ މަރާލާފައި ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އެމެރިކާގެ ޑިފެންސް އެޓާނީ އޭޝްޓަން ކާޓާ ވެސް ވަނީ ގަދުލީ މަރާލާފައިވާ ކަން އިއުލާން ކުރައްވާފަ އެވެ. ނަމަވެސް، ގަދުލީ މަރާލި ގޮތުގެ ތަފްސީލު ކާޓާ ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ގަދުލީ އަކީ އައިއެސްއަށް މާލީ އެހީ ފޯރުކޮށްދޭ އެންމެ އިސް ފަރާތް ކަމަށެވެ.
މީގެ އިތުރުން، ކާޓާ ވަނީ އެމެރިކާގެ އަސްކަރިއްޔާ އިން އައިއެސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމާގައި ކުރިލިބެމުންދާ ކަމަށާއި، އެޖަމާއަތުގެ ލީޑަރުންނާއި ހަނގުރާމަވެރިންނާއި ފައިސާ އާއި އީރާގާއި ސީރީއާ އިން ހިފާފައިވާ ސަރަހައްދުތައް މަދުވަމުންދާ ކަމަށް ބުނެފަ އެވެ.
އެގޮތުން، އައިއެސްގެ ހަނގުރާމައާ ބެހޭ މިނިސްޓަރު، އުމަރު އަލް ޝީޝާނީ އާއި ޗީފް އެކައުންޓެންޓު، އަބޫ ސާރާ މަރާލާފައިވާ ކަމަށް ޑިފެންސް ޑިޕާންޓްމެންޓުން ބުނެފައިވެ އެވެ.
އެމެރިކާ އިން އެއިއުލާންކޮށްފައި ވަނީ އައިއެސް އިން ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ އެއާޕޯޓަކަށާއި މެޓްރޯ ސްޓޭޝަނަކަށް ހަމަލާދީ 31 މީހަކު މަރާލިތާ ތިން ދުވަސް ފަހުންނެވެ.
އެމެރިކާ އިން އައިއެސްއަށް ހަމަލާތަށް ދެމުން ދިޔަ ނަމަވެސް، ފަހަކަށް އައިސް އައިއެސްއާ ގުޅި، އެމެރިކާ އަށް ހަމަލާދޭން މަސައްކަތް ކުރާ އެގައުމުގެ ރައްޔިތުންގެ އަދަދު ވަނީ ގިނަ ވެފަ އެވެ. އަދި އައިއެސް އަށް ފައިސާ އާއި ހަތިޔާރާއި ސައްހަ ނޫން އައިޑީ ފޯރުކޮށްދޭ ގިނަ އަދަދެއްގެ ސިއްރު ވިއުގަތައް ވަނީ ޔޫރަޕުގެ ގައުމުތަކުން ފެނިފަ އެވެ.
އެމެރިކާ އިން އައިއެސްއާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަންތައް ހިންގާތާ މިހާރު 18 މަސްވެފައިވާ އިރު، އަދިވެސް ރައްގާ ފަދަ ސީރީއާގެ ބޮޑެތި ޝަހަރުތައް އޮތީ އައިއެސްގެ އަތްދަށުގަ އެވެ. (ޓެލެގްރާފް)