ހުޅުމާލޭގައި ހުންނަ ފެރީ ގިމަތައިގައި ފަސިންޖަރުން ފެރީއަށް މަޑުކޮށްގެން ތިބުމަށް ހަދާފައިވާ ވެއިޓިން އޭރިޔާގެ ޖާގަ ބޮޑުކޮށްފި އެވެ.

އެމްޓީސީސީ ހުޅުމާލޭ ފެރީ އޮޕަރޭޝަން މެނޭޖަރު މުހައްމަދު ނާޒިމް މިއަދު "ސަން" އަށް ވިދާޅުވީ، ހުޅުމާލެ ޓާމިނަލްގެ ވެއިޓިން އޭރިޔާގެ ޖާގަ އިތުރުކުރީ ޕްރިމިއަމް ލިންކުގެ ހިދުމަތް ފެށުމާ ގުޅިގެން އެ ޓާމިނަލް އަށް ދިމާވި ޖާގައިގެ ދަތިކަަމަށް ހައްލެއް ގެނައުމަށް ކަމަށެވެ.

އޭސީ ފެރީ އިން ދަތުރު ކުރާ ފަސިންޖަރުންނަށް ހާއްސަ ލައުންޖުގެ އިތުރުން ފަސިންޖަރުން މަޑުކޮށްލައިގެން ތިބުމަށް މިހާރު ތިން ވެއިޓިން އޭރިޔާއެއް ހުންނާނެ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.

ނާޒިމް ވިދާޅުވީ ކުރިން ޓާމިނަލްގެ ޖާގަ އަކީ 260 ކަމަށާއި ނަމަވެސް މިހާރު ޓާމިނަލްގެ ޖާގަ އަކީ 360 ކަމަށެވެ.

"ކުރިން ޓާމިނަލްގެ ޖާގަ އަކީ 240. ތިން ބޯޑިން ގޭޓު އިންނަ އިރު ކޮންމެ ގޭޓެއްގެ ޖާގަ އަކީ 80 މީހުންގެ ޖާގަ. މިހާރު އިތުރު ކުރެވުނު ބަޔާ އެކު ޖާގަ އަކީ 360 މީހުންގެ ޖާގަ. އެއީ އޭސީ ލައުންޖު ވެސް ހިމެނޭ ގޮތުން،" ނާޒިމް ވިދާޅުވި އެވެ.