26 Mar 2016, 08:33
މީގެ 11 ވަރަކަށް އަހަރުކުރިން މުޅި ރާއްޖެ ސިއްސުވާލި، ހާދިސާއަކީ އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާ އެވެ. ގއ. ވިލިނގިލިން ފުރައިގެން ގދ. ތިނަދު އަށް 100 މީހުންނާ އެކު 2004ގައި ދަތުރުކުރަނިކޮށް އެނަމާ ބޯޓު ބަންޑުން ޖަހާލައި އެ ބޯޓުން ދަތުރުކުރި 22 މީހުން ވަނީ މަރުވެފަ އެވެ. އެ ހަނދާންތައް ދުވަހަކު ވެސް ތިނަދޫ ރައްޔިތުންގެ ހިތްތަކުން ފިލައިގެންނެއް ނުދާނެކަން ކަށަވަރެވެ.
ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމް އިން މިހާރު ކުރިއަށްގެންދާ މޯލްޑިވިއަން އައިޑަލްގައި ރޭ ބޭއްވި ގާލާ ރައުންޑުގެ ފަސް ވަނަ ޝޯގައި ގދ. ތިނަދުއަށް އުފަން މުހައްމަދު ޒަލީފް އަބްދުﷲ ހުށަހަޅައިދިން ލަވައިން އެ ހަނދާންތައް އާވެގެން ދިޔަ އެވެ.
ޒަލީފްގެ ލަވައިން އަސަރުކުރުވީ ހަމައެކަނި ތިނަދޫ ރައްޔިތުންނަކަށް ނޫނެވެ. އެ ލަވައިން އެންމެންގެ ގައިން ވެސް ހީބިހި ނަގުވާލި އެވެ. އެންމެންނަށް އަސަރުކުރުވި އެވެ.
ޒަލީފް ރޭ ކިޔައިދިން، އިބްރާހިމް ހަމްދީ ކިޔާފައިވާ "ނާޒުކު ލޯބި" ހާއްސަކޮށްލީ ވެސް އެނަމާ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި ފުރާނަ ގެއްލުނު އާއިލާތަކަށެވެ.
ޒަލީފްގެ އަސަރުގަދަ ލަވައިގެ ސަބަބުން އެންމެ ބޮޑު އަސަރެއްކޮށް ރޮއްވާލީ ޝޯގެ ޖަޖު، ތިނަދު އަށް އުފަން އިބްރާހިމް ޒައިދް އަލީ (ކުޑައިއްބެ) އަށާއި އެނަމާ ބޯޓުގެ ހާދިސާގައި ގާތް ރަހުމަތްތެރިއެއް ގެއްލިފައިވާ އަހުމަދު އިބްރާހިމް (އައްމަޑޭ) އަށެވެ.
ޕީއެސްއެމުން ރޭ ގެނެސްދިން މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުގެ ފަސް ވަނަ ޝޯގެ ތީމަކީ "ޑެޑިކޭޓެޑް ޓު" އެވެ. ޝޯގެ ގަދަ އަށަކަށް ހޮވިފައިވާ ގިނަ ބައިވެރިންގެ ލަވަތައް ހާއްސަކޮށްފައި ވަނީ އެ ބައިވެރިއެއްގެ ސަޕޯޓަރުންނަށާއި ހަޔާތުގެ ހާއްސަ ފަރާތްތަކަށެވެ.
އެގޮތުން، ރޭގެ ޝޯގައި "ބައްޕަގެ ލޯ"، "ކިޔާލަ ދީބަލާ" "ޖިސްމު ނެތިގެން ގޮސް"، "ހާދަ ދޭހިތްވެޔޭ ލޯބިން"، "ލޯބިން"، ފަދަ ލަވަތައް ފާހަގަކޮށްލެވެ އެވެ. ކޮންމެ ބައިވެރިއެއްގެ ހުށަހެޅުންތަކަށް ވެސް ޖަޖުންގެ ފަރާތުން ރަނގަޅު ކޮމެންޓްތަކެއް ލިބިފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.