ޖޭމްސް ބޮންޑުގެ ރޯލު ކުޅެން ބޭނުންވާ ކަމަށް، ފިލްމު "ބެޓްމޭން ވަސަސް ސުޕަމޭން: ޑޯން އޮފް ޖަސްޓިސް"ގައި ފެނިގެންދާ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސުޕާހީރޯގެ މަގާމު އަދާކުރާ ހެންރީ ކެވިލް ބުނެފި އެވެ.

އޭނާ އެހެން ބުނެފައި ވަނީ، ޖޭމްސް ބޮންޑުގެ ހަތަރު ފިލްމެއްގައި ބްރިޓިޝް ސީކްރެޓް ސާވިސް އެޖެންޓެއްގެ ރޯލް އަދާކޮށްފައިވާ ޑެނިއެލް ކްރެއިގް އެ މަގާމު ކުޅުން ހުއްޓާލާނެ ކަމަށް މީޑިއާގައި ވާހަކަތަކެއް ފެތުރެމުން ދަނިކޮށެވެ.

"އަހަރެން މިއުޅެނީ ސުޕަމޭންގެ ކަންތަކުގައި ވަރަށް އަވަދިނެތި. ނަމަވެސް ޖޭމްސް ބޮންޑުގެ ރޯލް އަދާކުރަން އަހަރެން ކައިރީގައި އެދިއްޖެ ނަމަ ވަރަށް ރަނގަޅު އަދި އަހަރެން އެކަމަށް ވަރަށް ޝައުގުވެރިވޭ،" އިނގިރޭސިވިލާތުގެ ޓީވީ ޕްރޮގްރާމު، "ދަ ގްރަހަމް ނޯޓޮން ޝޯ"ގައި ކުރި ސުވާލަކަށް ޖަވާބުދެމުން ކެވިލް، 32 ބުނެފައިވެ އެވެ.

ޖޭމްސް ބޮންޑުގެ ރޯލު، 2006 ވަނަ އަހަރުން ފެށިގެން އަދާކުރަމުން އައިސްފައި ވަނީ ކްރެއިގެވެ. ނަމަވެސް ކުރިއަށް އޮތް ފިލްމުގައި ޖޭމްސް ބޮންޑުގެ ރޯލުން އޭނާ ނުފެނިއްޖެ ނަމަ، އެ މަގާމުން ދެން ފެންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ، އިދްރީސް އެލްބާ އެވެ.

ނަމަވެސް ޓޮމް ހާޑީ އާއި އެއިޑަން ޓާނާފަދަ ތަރިން ވެސް ދަނީ ޖޭމްސް ބޮންޑުގެ ރޯލުން ފެނިގެންގޮސްދާނެ ކަމަށް މީޑިއާގައި ފެންމަތިވަމުންނެވެ.