25 Mar 2016, 23:14
ފ. ނިލަންދޫގައި ދޯންޏެއް ބާލަން އުޅުމުގެ ތެރޭގައި، ވިންޗެެއްގެ ދަގަނޑު ގަނޑެއް ނެއްޓިގެން އައިސް ޒުވާނެއްގެ މޫނުމަތީގައި ޖެހި، އަނިޔާ ވެއްޖެ އެވެ.
ނިލަންދޫ ކައުންސިލްގެ މެމްބަރު އަބްދުލްއަޒީޒް އިބްރާހިމް "ސަން"އަށް މިރޭ ވިދާޅުވީ، އިއްޔެ ހިނގި މި ހާދިސާއާ ގުޅިގެން އަނިޔާވި ޒުވާނާ ވަގުތުން ނިލަންދޫގެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ.
"ދޯނި ބާލަން އުޅުމުގެ ތެރޭގައި ދަގަނޑު ގަނޑެއް އައިސް ޖެހުނީ އޭނާގެ މޫނު މަތީގައި. ދަތްދޮޅިއާއި ނިއްކުރިއާއި ނޭފަތަށް އަނިޔާވި. ވަގުތުން އޭނާ ސައިކަލަކަށް ލައިގެން ހޮސްޕިޓަލަކަށް ގެންދެވުނު،" އަބްދުލްއަޒީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފ.ނިލަންދޫ ހޮސްޕިޓަލުން އޭނާއަށް ފަރުވާ ދިން އިރު، އެ ޒުވާނާގެ މޫނުން ލޭ މަނާ ނުވެގެން އިއްޔެ މާލެ ފޮނުވައި، އައިޖީއެމްއެޗުން ފަރުވާ ދީ، ލޭ މަނާ ކުރި ކަމަށެވެ.
އަދި މިހާރު އައިޖީއެމްއެޗުން އޭނާއަށް ފަރުވާ ދީފައި ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުންނާއި ފ.ނިލަންދޫ ހޮސްޕިޓަލުން ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.