ސައުދީ އަރަބިއްޔާ އިސްވެ އޮވެ އެކުލަވާލާފައިވާ ގުޅިފައިވާ އިސްލާމީ ލަޝްކަރުތަކުގެ އިސް ވެރިންނަށް ބާއްވާ ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފި އެވެ.

ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި މިއަދުން ފެށިގެން މިމަހުގެ 29 އަށް ބާއްވާ އެ ސެމިނާގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް ފުރާވަޑައިގެންފައި ވަނީ މިރޭގެ ވަގުތެއްގަ އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ، އެ ސެމިނާގައި މިހާރު ދުނިޔެއަށް ދިމާވެފައިވާ ޓެރަރިޒަމްގެ ކަންތައްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ގުޅިފައިވާ ލަޝްކަރުގައި ހިމެނޭ ޤައުމުތަކުގެ އަސްކަރިއްޔާގައި ހުރި ފެންވަރު ދެނެގަތުމާއި ޓެރެރިޒަމްގެ ކަންކަން ހުއްޓުވުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރައްވާނެ ކަމަށް ބުނެފައިވެ އެވެ.

ދިވެހިރާއްޖެ ހިމެނޭ ގޮތަށް 20 ގައުމެއް ބައިވެރިވާ އަސްކަރީ އެލަޔަންސަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އެކުލަވާލާފައިވާ އެލަޔަންސެކެވެ. އެއީ މިހާތަނަށް ދުނިޔޭގައި އުފެއްދި އެންމެ ގިނަ ގައުމަކުން ބައިވެރިވާ އެންމެ ބޮޑު ލަޝްކަރެވެ.

އެ ލަޝްކަރުގެ ތަމްރީނުތައް މިދިޔަ ފެބުރުއަރީ މަހުގެ ފަހުކޮޅު ފަށާފައިވާއިރު، ރާއްޖޭގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ކުރިން ވިދާޅުވެފައި ވަނީ، އެ ލަޝްކަރުގައި ދިވެހި ސިފައިން ތިން ގޮތަކަށް ބައިވެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި ދިވެހި ސިފައިން އަމަލީ ގޮތުން ބައިވެރިވުން ހިމެނޭ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.