30 Apr 2011, 09:41
ޓްރިޕޮލީ : ނޭޓޯއިން ލީބިޔާއަށް ދެމުން ގެންދާ ވައިގެ ޙަމަލާތައް ހުއްޓާލުމަށް ވެރިކަން ވެއްޓުމުގެ ބިރު ހީވެފައިވާ ލީބިޔާގެ ޒަޢީމް މުޢައްމަރުލްޤައްޒާފީ ގޮވާލައްވައިފިއެވެ.
ލީބިޔާގެ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ޚީތާބެއްގައިގައްޒާފީ ވިދާޅުވީ ކަނޑުހުރަސްކޮށް އައިސް ނޭޓޯގެ ޤައުމުތަކުން ލީބިޔާއަށް ބޮންއަޅަންޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމުގައެވެ. އަދި ލީބިޔާއިން ނޭޓޯގެ އެއްވެސް ޤައުމަކަށް ގޯނާ ނުކުރާއިރު އަދި ނޭޓޯގެ ޤައުމުތައް ބޭނުންވާ ތެޔޮފަދަ ވަސީލަތްތައް ލިބިޔާއިން ލިބެމުންދާއިރު އެޤައުމުތަކުން ލީބިޔާއަށް އިސްވެ ޙަމަލާދީ ޢުދުވާން ހިންގަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ގައްޒާފީ ވިދާޅުވިއެވެ. ގައްޒާފީގެ ވާހަކާގައި، ނޭޓޯ ބޭނުންވަނީ ލީބިޔާގެ ތެޔޮކަމަށްވާނަމަ އެކަމާބެހޭގޮތުން ވާހަކަ ދައްކަން އޭނާގެ ސަރުކާރު ތައްޔާރަށް އޮތްކަމަށް ވިދާޅުވިއެވެ.
ގައްޒާފީއަކީ ކުރިން ފަލަސްތީނުގެ މިނިވަންކަމަށާއި އަރަބި އިސްލާމީ ޤައުމުތަކާ ދެކޮޅަށް ހުޅަނގުން ގެންގުޅޭ ބާރާއި ނުފޫޒު ހިންގުމުގެ ސިޔާސަތާ ދެކޮޅަށް ވަކާލާތު ކުރެއްވި ލީޑަރެކެވެ. ނަމަވެސް ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އޭނާ ހިންގަވާ ޒަމާންވީ އަނިޔާވެރި ވެރިކަން ދެމެހެއްޓުމަށް ޓަކައި ހުޅަނގުގެ ރުހުން ހޯދަންޖެހުމުން ގައްޒާފީވަނީ އޭނާ ކުރިން ގެންގުޅުއްވި ޢަރަބި ޤައުމީ ސިޔާސަތު މުޅިން ދޫކޮށްލައްވައި ޢަރަބި އަދި އިސްލާމީ ދުނިޔެއާ ދުރަށް ވަޑައިގެންފައެވެ.
ލީބިޔާގެ އިދިކޮޅު ލީޑަރުން ވިދާޅުވާ ގޮތުގައި ގައްޒާފީ ހީކުރެއްވީ ހުޅަނގުގެ ރުހުން ހޯދުމުން ހުރިހާ ކަމެއްނިމުނީ ކަމަށާއި ލީބިޔާގެ ރައްޔިތުން ގައްޒާފީއާ ދެކޮޅަށް ތެދުވާނެކަން އޭނާގެ ޚިޔާލަށްވެސް ގެންނަވާފައިނުވާ ކަމުގައެވެ.
ވެރިކަން ދެމެހެއްޓުމަށްޓަކައި އެމެރިކާއާއި ހުޅަނގުގެ ރުހުން ހޯދުމުގެ ގޮތުން ގައްޒާފީ އެންމެފަހުން އިސްރާއީލާއެކުވެސް ސިއްރުގުޅުންތައް ހިންގަވައި ލީބިޔާގެ ނިއުކްލިޔަރ ޕްރޮގްރާމް ހުޅަނގުން ބޭނުންވާގޮތަށް ރޫޅާލައި ލީބިޔާގެ ތެލުގެ އިމްތިޔާޒްތައް އެމެރިކާއާއި ޔޫރަޕްގެ ކުންފުނިތަކަށް ދެއްވާފައިވާ ކަމަށް މަސްރަޙް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ނޭޓޯގެ ޤައުމުތަކުން ލީބިޔާގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަދެގަތީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށްޓަކައި ސުލްޙަވެރިގޮތުގައި ނުކުތް ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ބަރުހަތިޔާރު ބޭނުންކުރައްވައި ގައްޒާފީގެ ނިޒާމުން ލީބިޔާގެ ޢާންމުގެ އެތަށް ހާސްބަޔަކު މަރައި އިންސާނިއްޔަތާ ޚިލާފް ޢަމަލުތަކެއް ހިންގުމުން ގައްޒާފީގެ ބާރުތަކުގެ ކިބައިން ލީބިޔާގެ ޢާންމުން ޙިމާޔަތް ކުރުމަށްޓަކައި އދ. ގެ ޤަރާރެއްގެ ދަށުންނެވެ.
މިއާއެކުވެސް ގައްޒާފީގެ ބާރުތަކާ ދެކޮޅަށް ނޭޓޯގެ ޤައުމުތަކުން ބޮންއަޅަން ފެށުމުން ގައްޒާފީގެ އަނިޔާވެރިކަމުގެ މަތިން ހަނދާންނެތި ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ ބައެއްފަރާތްތަކުގެ ހަމްދަރްދީ ގައްޒާފީއަށްވަނީ ލިބެންފަށާފައެވެ.
ގައްޒާފީގެ ވާހަކައަށް ރައްދުދެއްވަމުން ލީބިޔާގެ އިދިކޮޅު އިންތިޤާލީ މަޖިލީހުގެ ތަރްޖަމާން ޢަލީ ޝައްމާމް ވިދާޅުވީ ނޭޓޯ ލީބިޔާއަށް ވެއްދީ ގައްޒާފީގެ ސަރުކާރުން ކަމުގައެވެ. ގައްޒާފީގެ ބާރުތަކުން ލީބިޔާގެ ރައްޔިތުން މަރަމުންގެންދާއިރު ނޭޓޯގެ ޙަމަލާތަކުގެ ވާހަކަ ދެއްކުމުގެ ޙައްޤު ގައްޒާފީއަށް ނޯންނާނެ ކަމަށް އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ތަރްޖަމާން ވިދާޅުވިއެވެ.
އަދި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ހަތިޔާރު ކަމަށާއި ނޭޓޯގެ ބާރުތައް އެއްގަމުމަގުން ލީބިޔާއަށް އެރުމާ ދެކޮޅު ކަމަށްވެސް އިންތިޤާލީ މަޖިލީހުގެ ތަރްޖަމާން ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)