26 Mar 2016, 08:43
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ އާއިލާއާ ބައްދަލުކުރަން ޝައުގުވެރިވާ ކަމަށް ބާސެލޯނާގެ ތަރި، ލިއޮނަލް މެސީ ބުނެފި އެވެ.
އާޖެންޓީނާ އަށް މިދިޔަ ބުދަ ދުވަހު ކުރެއްވި ދަތުރުފުޅުގައި އޮބާމާ ވަނީ، އޭނާގެ ދެ ދަރިކަނބަލުން މެސީއާ ބައްދަލުކުރަން ބޭނުންވާ ކަން ހާމަކޮށްފަ އެވެ. އެކަން އަދި ކޮށްނުދެވިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އޮބާމާގެ އެ ކަންބޮޑުވުންތަކަށް ޖަވާބުދެމުން އާޖެންޓީނާގެ ތަރި މެސީ ބުނީ، އޮބާމާ އެހެން ވިދާޅުވުމުން ހައިރާންކަން ލިބުނު ކަމަށެވެ. އަދި އޮބާމާގެ އާއިލާއާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލުމަކީ އޭނާ އަށް ލިބޭނެ އުފަލެއް ކަމަށް އޭނާ ބުނެފައިވެ އެވެ.
"ޔަގީން، އަހަރެން ވަރަށް ހައިރާންވެއްޖެ އޭނާ (ރައީސް އޮބާމާ) އެހެން ވިދާޅުވުމުން. އަހަންނަށް އޮބާމާ އާއި އޭނާގެ ދެ ދަރިންނާ ބައްދަލުކުރުންވެގެންދާނީ ލިބޭ ބޮޑު ޝަރަފަކަށް. އެކަމަކު އަހަންނަށް އިނގޭ އެއީ އުދަނގޫ ކަމެއްކަން،" ޓައީސީ ސްޕޯޓްސް އަށް މެސީ ބުނެފައިވެ އެވެ.
މައުލޫމާތު: ގޯލް ޑޮޓް ކޮމް