25 Mar 2016, 20:38
ޤާނޫނު އަސާސީގައި ކަޅާއި ހުދު ކުލައިން އިންސާނީ ހައްގުތައް ލިޔެވިފައި އޮތް ނަމަވެސް، އެ ހައްގުތައް ރައްޔިތުންނަށް ލިބޭ ކަމަކަށް ޤަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު އަހްމަދު ޒާހިރު (ސީނާ ޒާހިރު) ވިދާޅުވެއްޖެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދިޔަ އިންޓަ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް 2016 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޒާހިރު ވިދާޅުވީ 1932 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ތަސްދީގު ކުރެވުނު ހުރިހާ ގާނޫނު އަސާސީއެއްގައި، ވަރަށް ރީތިކޮށް އިންސާނީ ހައްގުތަކާއި ބެހޭ ބާބުތައް ލިޔެވިފައި އޮންނަ ކަމަށެވެ.
"1932 ވަނަ އަހަރު އަޅުގަނޑުމެންގެ ފުރަތަމަ ގާނޫނު އަސާސީ. އޭގައި 92 މާއްދާ އޮތް އިރު، 19 މާއްދާ އޮތް އިންސާނީ ހައްގުތަކާ ބެހޭގޮތުން. ވަރަށް ފުރިހަމަކޮށް، ރަސްގެފާނުގެ ލިޔުމުން އޮތީ. ވަރަށް ބަލާޣާތްތެރި. ހުރިހާ އެއްޗެއް ހިމެނޭ. ހައްގުތަކަށް އަރައިގަތުމަކީ ކުށެއް ކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ވެސް އޮތް. އެކަމަކު އެ ހައްގުތައް ލިބުނުތޯ؟ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ހައްގުތައް ނުލިބޭ،" ޒާހިރު ވިދާޅުވި އެވެ.
ޒާހިރު ވަނީ މިފަދައިން ކޮންމެ ގާނޫނު އަސާސީއަކާ ގުޅިގެން ވެސް، އޭގައި ބަޔާން ކުރެވުނު އިންސާނީ ހައްގުތައް ރައްޔިތުންނަށް ނުލިބޭކަމަށް ވިދާޅުވެފަ އެވެ.
"ސުވާލަކީ، ކަޅާއި ހުދުން ހައްގުތައް ލިޔެވިފައި އެބަ އޮތޭ، އެ ހައްގުތައް ލިބުނުތޯއޭ؟ އަޅުގަނޑު ގަބޫލެއް ނުކުރަން އެ ހައްގުތައް ލިބުނު ކަމަކަށް،" ޒާހިރު ވިދާޅުވި އެވެ.
ޒާހިރު ވިދާޅުވީ ކޮންމެ މީހެއްވެސް މަރުވުމާއި ހަމައަށް ހައްގެއް ދެވޭނެކަން ލިޔެވިފައިވާ ނަމަ، އެ ހައްގު އެމީހަކަށް ދެވެން ޖެހޭނެ ކަމަށެވެ.
"މިސާލަކަށް 65 އަހަރުން މަތީ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވުން. ކީއްވެތޯ އަޅުގަނޑުގެ އެ ހައްގުން މަހުރޫމުވީ. އެއީ އަޅުގަނޑުގެ ހައްގެކޭ. އެކަމަށް ޑިސައިޑް ކުރާނީ ރައްޔިތުންނޭ. މާދަމާ ފާސް ކޮށްފާނެ 18 އަހަރުގެ ކުއްޖާއަށް ރައީސްކަން ދޭށޭ. ޒުވާނުންނަށް ރައީސްކަން ދޭން. 18 އަހަރު ކުއްޖާގެ ތަޖުރިބާ ހުންނާނެތޯ. އެއްފަހަރު ހަދާ ގޯހުން އަނެއް ފަހަރަށް ރަނގަޅު ކުރެވޭނީ. އެއީ ތަޖުރިބާއަކީ،" ޒާހިރު ވިދާޅުވި އެވެ.
އެހެން ނަމަވެސް ޒާހިރު ވިދާޅުވީ ހައްގުތައް އެނގުނަސް، ހައްގުތައް ހިމާޔަތް ކުރާނެ ގޮތް ދަސްކުރަން ޖެހޭ ކަމަށެވެ.