ތެލުގެ ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ ދަށް ވަމުން ދާތީ، ސައުދީ އަރަބިއްޔާ އިން ހައްޖާއި އުމްރާގެ ޚިދުމަތްތައް ދީގެން ލިބޭ އާމްދަނީ އަށް ބޮޑަށް ބަރޯސާ ވުމަށް ނިންމައިފި އެވެ.

ހައްޖާއި އުމްރާ ވުމަށް ކޮންމެ އަހަރަކު ވެސް ދެ މިލިޔަނަށް ވުރެ ގިނަ މުސްލިމުން ސައުދީ އަރަބިއްޔާ އަށް ޒިޔާރަތް ކުރެ އެވެ. ތެލުގެ ވިޔަފާރި ނަގާފައި، ސައުދީ އަރަބިއްޔާ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ހައްޖާއި އުމްރާގެ އަޅުކަންތައް އަދާކުރުމަށް އެގައުމަށް ޒިޔާރަތް ކުރާ މީހުންނަށް ޚިދުމަތްތައް ފޯރުކޮށްދީގެންނެވެ.

ސައުދީ ސަރުކާރުގެ ޓުއަރިޒަމް ކޮމިޓީ އިން ބުނީ، ހައްޖާއި އުމްރާއަކީ އެގައުމަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ މަގު ކަމުގައި ހެދުމަށް ޓަކައި، އެ ސިނާއަތް ހިންގާ ގޮތަށް ބޮޑު ބަދަލެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ޚިދުމަތްތައް އިތުރަށް ފުޅާ ކުރާނެ ކަމަށް ވެސް އެ ކޮމިޓީއިން ބުންޏެވެ.

ސައުދީ އަރަބިއްޔާ އަށް ފަތުރުވެރިކަމުން 22.6 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބޭ އިރު، މީގެ ތެރެއިން 12.6 ބިލިޔަން ޑޮލަރަކީ ހައްޖާއި އުމްރާ ވުމަށް އަންނަ މީހުންގެ ފަރާތުން ލިބޭ އާމްދަނީ އެވެ.

ދާދި ފަހުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ބުނީ، ތެލުގެ ވިޔަފާރި ކުރާ ގައުމުތަކުން ޓެކްސް ބޮޑުކޮށް، ތެލުގެ ސަބްސިޑީ ދަށް ވާނެ ކަމަށެވެ. އެހެންކަމުން ތެލުގެ ވިޔަފާރިން ލިބޭ އާމްދަނީއަށް މާ ބޮޑަށް ބަރޯސާ ނުވުމަށް ސައުދީ އަރަބިއްޔާއަށް އައިއެމްއެފްއިން ވަނީ އިރުޝާދު ދީފަ އެވެ.