ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އިން 24 ގަޑިއިރު ޚަބަރު ފޮނުވާ ޓީވީ ޗެނަލަކާއި، އިތުރު ދެ ޓީވީ ޗެނަލެއް އުފައްދާނެ ކަަމަށް ބުނެފި އެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑު ގުޅިގެން ބޭއްވި އިންޓަ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް 2016 ގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާ އިކްރާމް އަބްދުލްލަތީފް ވިދާޅުވީ، ޕީއެސްއެމްގެ ފަރާތުން ދާދި އަވަހަށް، 24 ގަޑި އިރު ޚަބަރު ފޮނުވާ ޗެނަލެއް ވެސް އުފައްދާނެ ކަމަށެވެ.

މި މަހުގެ ތެރޭގައި ޒުވާނުންނަށް ޚާއްސަކޮށްގެން "ޔެސް" ގެ ނަމުގައި އައު ޗެނަލެއް އުފައްދާނެ ކަމަށެވެ.

"އެއީ ޔޫތު، އެންޓަޓެއިންމެންޓް އެންޑް ސްޕޯޓްސް. ޒުވާނުންނާއި މުނިފޫހިފުލުވުމާއި ކުޅިވަރު. ރާއްޖޭގެ ގައުމީ ތަރައްގީއަށް މިއީ މުހިންމު ކަމެއް،" އިކްރާމް ވިދާޅުވި އެވެ.

މީގެ އިތުރުން، ކިޔަވާ ކުދިންނަށް ޚާއްސަކޮށް، ތައުލީމާއި މައުލޫމާތު ފޮނުވާ އެޑިއުކޭޝަނަލް ޗެނަލެއް ވެސް އުފެއްދުމަށް ޕީއެސްއެމްއިން ވިސްނަމުން ދާ ކަމަށް އިކްރާމް ވިދާޅުވި އެވެ.

އިކްރާމް ވިދާޅުވީ، ޕީއެސްއެމްގެ ޒިންމާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ޚަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ފޯރުކޮށްދިނުން ކަމަށާއި، މިކަން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނީ ޕީއެސްއެމްއިން އެ މަސައްކަތް ކުރެވޭނެ ޕްލެޓްފޯމުތައް އިތުރު ކޮށްގެން ކަމަށެވެ.

ޕީއެސްއެމްއިން މިހާރުވެސް ދެ ޓީވީ ޗެނަލަކާއި ތިން ރޭޑިއޯ ޗެނަލެއް، އަދި އެއް މެގަޒިންއާއި އޮންލައިން ވެބްސައިޓެއް ހިންގާ އިރު، އިނގިރޭސި ބަހުން ބައިނަލްއަގްވާމީ ޓީވީ ޗެނަލެއް "މޯލްޑިވްސް" ގެ ނަމުގައި އުފެއްދުމުގެ މަސައްކަތް ކުރަމުން ދެ އެވެ.