ކުވައިތު ސިޓީ (މާޗް 25): ކުވައިތުގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ހިލޭ ޚިދްމަތްތަކުގެ ބައެއް ކަނޑާލަން ގަސްދުކުރާކަން އެ ގައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

ކުވައިތުގެ މަސްއޫލުވެރިން ވިދާޅުވީ އެ ގައުމުގެ ސަރުކާރުން ރައްޔިތުންނަށް ދެމުންގެންދާ ވެލްފެއާ ސްޓޭޓްގެ ޚިދްމަތަށް މިހާރު މިގެންދާ ގޮތަށް މުސްތަގުބަލްގައި ދިނުމަކީ އިގްތިސާދީ ގޮތުން އަމިއްލައަށް މަރުވުންފަދަ ކަމެއް ކަމުގަ އެވެ. އެ މައްސަލާގައި ކުވައިތުގެ ޕާލަމެންޓްގައި ވަނީ ބޮޑު އަރާރުމެއް އުފެދިފަ އެވެ. ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ ޕާލަމެންޓްގެ ގިނަ މެންބަރުން ގެންދަނީ ސަރުކާރުން ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ އެއްވެސް ޚިދްމަތެއް ކަނޑާލުމަށް ނޫނީ މަދުކުރުމަށް ކަނޑައެޅިގެން ދެކޮޅު ހަދަމުންނެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވައިތުގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ހިލޭ ދޭ ޚިދްމަތްތަކުގެ ތެރޭގައި އެއްވެސް އިންޓްރަސްޓަކާ އަދި ރަހުނަކާ ނުލައި ބޮޑެތި ލޯންތައް ލިބުމާއި ގެދޮރު ގަތުމުގައި ބޮޑު ސަބްސިޑީ އެއް ލިބުމާއި ސިއްހަތާއި ތައްލީމު ހިލޭ ލިބުމާއި ކާބޯތަކެއްޗަށާއި ތެލާއި ތެލުގެ ބާވަތްތަކަށް ބޮޑެތި ސަބްސިޑީތައް ލިބުންފަދަ އިންތިހާއަށް އަގުބޮޑު ޚިދްމަތްތައް ހިމެނެއެވެ. ސިއްޙީ ފަރުވާއަށް ބަލާއިރުވެސް ކޮންމެ ރައްޔިތަކަށް ބޭނުންވާ ސިއްޙީ ޚިދްމަތްތަކަށާއި ބޭހަށް ސައްތައިން ސައްތަ ސަރުކާރުގެ އިންޝުއަރަންސްގެ ޚިދުމަތް ލިބެ އެވެ. ބޭރު ގައުމުތަކުގެ އަގުބޮޑު ހޮސްޕިޓަލްތަކުން ފަރުވާ ހޯދާ ކުވައިތުގެ ރައްޔިތުންނަށް ވެސް ހިލޭ ޚިދްމަތް ލިބެ އެވެ. ސަބަބަކީ ފަރުވާގެ ބިލްތައް ދައްކަނީ ކުވައިތުގެ ސަރުކާރުންކަމަށްވާތީ އެވެ.

މިދިޔަ އަހަރުވެސް ކުވައިތުގެ ރައްޔިތުން ބޭރުގެ ގައުމުތަކުގެ ހޮސްޕިޓަލްތަކުން އެކަނި ކުރި ފަރުވާގެ ބިލްތަކަށްވެސް އެގައުމުގެ ސަރުކާރުން ގާތްގަނޑަކަށް ދެ ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެ އެވެ. މި ހުރިހާ ޚިދްމަތްތަކެއް ހިލޭ ރައްޔިތުންނަށް ދޭ އިރު ޖީއެސްޓީ ގެ ގޮތުގައި ވެސް އަދި އެނޫންގޮތަކަށް ވެސް ޓެކްސްގެ ގޮތުގައި އެންމެ ދީރާނެއް ވެސް ކުވައިތުގެ ސަރުކާރުން ނުނަގައެވެ. މިޚިދްމަތްތައް ކުވައިތުގެ ރައްޔިތުންނަށް ދިނުމުގެ އިތުރުން ކުވައިތަކީ އެގައުމުގެ ސަރުކާރުގެ ވަޒީފާތަކުގެ މުސާރަތައްވެސް އިންތިހާއަށް ބޮޑުކޮށްފައިވާ ގައުމެކެވެ. އަދި ބޭނުމެއްނެތް މިންވަރަށް ސަރުކާރުގެ ވަޒީފާތައްވެސް އުފައްދާފައިވާ ގައުމެކެވެ. އެހެންކަމުން މިހުރިހާ ހިލޭ ޚިދްމަތްތަކާއެކު ކުވައިތުގެ ރައްޔިތުންނަކީ ސައޫދީ އަރަބިޔާއާއި ގަލްފުގެ އަރަބި އެހެން ގައުމުތަކުގެ ރައްޔިތުން ފަދައިން އާދަޔާ ޚިލާފު އިސްރާފު ދިރިއުޅުމެއްގައި އުޅޭ ބައެކެވެ.

ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މިހާރު އައިސްފައިވާ ބަދަލާއެކު ތެޔޮފީފާއެއްގެ އަގު 90 ޑޮލަރުން ތިރިސް ޑޮލަރަށް ވެއްޓިގެން ގޮސްފައިވާތާ ތިންއަހަރެއްހާ ދުވަސްވީއިރު މިފަދަ ބޮޑު ޚަރަދުކުރާނެ އާމްދަނީ ކުވައިތުގެ ސަރުކާރަކަށް މިހާރު ނުލިބެއެވެ. 2013 ވަނަ އަހަރުން ފެށިގެން ކުވައިތުން މިޚަރަދުތައް ކުރަމުން ގެންދަނީ ކުރިން ރައްކާކޮށްފައިވާ ރިޒާވް ފައިސާއިންނެވެ. ނަމަވެސް ތެލުގެ އަގު މައްޗަށްނުދާނަމަ ރިޒާވް ފައިސާ ކުރިޔަށްއޮތް ހަތަރުވަރަކަށް އަހަރުތެރޭގައި ހުސްވާނެތީ ކުވައިތުން ގެންދަނީ ރައްޔތުންނަށް ދޭ ބައެއް ސަބްސިޑީތައް މަދުކުރުމަށް ނޫނީ ކަނޑާލުމަށް ވިސްނަމުން ކަމަށް އެގައުމުގެ މާލީ ވަޒީރު އަނަސް އައްސާލިޙް ވިދާޅުވިއެވެ.

ކުވައިތުގެ މިއަހަރުގެ ބަޖެޓަކީވެސް 27 ބިލިޔަން ޑޮލަރުގެ ޑެފިސިޓް ބަޖެޓެއްކަމަށާ މާލީ ހާލަތާމެދު މިޙާރު ނުވިސްނައިފިނަމަ މުސްތަގްބަލްގައި ކުވައިތުގެ ރައްޔިތުންނަށް ބޮޑެތި ވޭންތަކެއް ތަޙައްމަލް ކުރަންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އާމްދަނީ ދައްވުމުގެ މައްސަލައާ ގުޅިގެން ކުވައިތުގެ ސަރުކާރުންވަނީ އެގައުމުގެ ސަރުކާރުން ހިންގަމުން ގެންދިޔަ ބައެއް ތަންތަން ޕްރައިވެޓައިޒް ކޮށްފައެވެ. މީގެތެރޭގައި ތެލާބެހޭ ބައެއް މުއައްސަސާތަކާއި ބައެއް އެއަރޕޯޓްތައްވެސް ހިމެނެއެވެ.

މީގެ އިތުރުން ކުވައިތުގެ ސަރުކާރުން މިހާރު ގެންދަނީ ކުޑަވަރެއްގެ ޓެކްސް އެއްވެސް ރައްޔިތުންނަށް ތައާރަފް ކުރުމާމެދު ވިސްނަމުން ކަމަށް އެގައުމުގެ މާލީ ވުޒާރާއިންވަނީ ބުނެފައެވެ. ނަމަވެސް ކުވައިތުގެ ޕާލަމެންޓްގެ މެންބަރުން ބުނަނީ ރައްޔިތުންގެ ޖީބަށް ބުރާވާ އެއްވެސް ބިލެއް ފާސް ނުކުރެވޭނެ ކަމަށާ ތެލުގެ އަގު ދަށްވުމާއެކު ލިބޭ އާމްދަނީ މަދުވެއްޖެނަމަ އިތުރު އާމްދަނީ ލިބޭނެގޮތްތައް ހޯދުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައެވެ.

ގުދްރަތީގޮތުން ކުވައިތުގެ ބިމުގެ އަޑީގައި ލައްވާފައިވާ ތެޔޮ ވިއްކުން ފިޔަވައި އެހެން މާބޮޑު ކަމެއް ނެތް ކުވައިތުގެ ސަރުކާރަށް ލިބޭއާމްދަނީގެ 90 އިންސައްތައަކީ ތެލުގެ އާމްދަނީއެވެ. ކުވައިތަށް ތެލުގެ އާމްދަނީ ލިބެމުންދާތާ ބައިގަރުނަށްވުރެ ދިގުމުއްދަތެއް ހޭދިވިނަމަވެސް ތެޔޮ ފިޔަވައި އެހެން ސިނާއަތެއް އެގައުމަށް އުފެއްދިފައެއް ނުވެއެވެ. ތެލުގެ އަގު ދަށަށް ދިޔުމުގެ ސަބަބުން ކުވައިތުގެ ރައްޔިތަކަށް ގައުމީ އާމްދަނީން ޖެހޭ މިންވަރުވެސް ފާއިތުވި ތިންއަހަރު ތެރޭގައިވަނީ ބޮލަކަށް 75 ހާސް ޑޮލަރުން ފަންސާސާ ހާސް ޑޮލަރަށް ދަށަށް ގޮސްފައި ކަމަށް އެގައުމުގެ މާލީ ވުޒާރާއިން ބުނެއެވެ. (ނޫސްއެޖެންސީތައް)