އިދިކޮޅު ސިޔާސީ ގިނަ މަސައްކަތްތަކެއް ކުރެއްވުމާ މެދު، އިނގިރޭސި ވިލާތުގެ ލަންޑަނުގައި ތިއްބެވި ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ލީޑަރުން މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާގައި ބައިވެރިވެވަޑައިގެންފައި ވަނީ ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ޚާރިޖީ ވަޒީރު އަދި އދ. އިން އީރާނަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ ރެޕެޓުއާ ޑރ. އަހްމަދު ޝަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދެވެ.

ޑރ. އަހްމަދު ޝަހީދު އިއްޔެ ވަނީ އެ ބައްދަލުވުމުގެ ފޮޓޯއަކާއެކު، ބައްދަލުވުމުގައި މަޝްވަރާ ކުރި ގިނަ ކަންތައްތަކެއް ވިދާޅުވެ ޓްވީޓު ކުރައްވައިފަ އެވެ.

އޭގެ ތެރޭގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީއަށް ދިވެހި ޚާރިޖިއްޔާގެ ބޭފުޅުން ހާޒިރު ކުރުމަށް ކެމްޕޭނެއް ފެއްޓެވި ކަމަށާއި މި އަހަރުގެ މެއި މަހު އިނގިރޭސި ވިލާތުގައި އޮންނަ ކޮރަޕްޝަނާ ބެހޭ ސަމިޓެއްގައި ރާއްޖެއަށް ޚާއްސަ ސަމާލު ކަމެއް ހޯދުމަށް ކެމްޕޭނެއް ފެއްޓެވި ކަމަށް ޑރ. ޝަހީދު ޓްވީޓުކޮށް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން، ރާއްޖޭގައި ސިޔާސީ ބޭނުންތަކަށް މަރުގެ ހުކުމް ތަންފީޒު ކުރުމާއި ދެކޮޅަށް ވަކާލާތު ކުރަން އެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ވެސް ޑރ. ޝަހީދު ވިދާޅުވި އެވެ.