ވަޒީރުކަމުގައި ހުންނަވާ ބޭފުޅަކު މަގާމުން އިސްތިއުފާ ނުދެއްވައި އެހެން މަގާމަކަށް ކުރިމަތި ލެއްވުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފް ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ނާއިބު ރައީސް ކަމަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އަލްހާން ފަހުމީ އޭނާއާ އިދިކޮޅު ވާދަވެރިޔާ، ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި އަލްހާންގެ ކެމްޕެއިން ޖަލްސާގައި އަސްލަމަށް ފާޑު ވިދާޅުވަމުން އަލްހާން ވިދާޅުވީ، ރިޔާސީ ނިޒާމުގައި ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީގެ އިސް މަގާމުތަކަށް އައުމަކީ އެކަށީގެންވާ ކަމެއްނޫން ކަމަށެވެ. އަދި ވަޒީރަށާއި ޕާޓީ އަށާއި ގައުމަށް އެންމެ ރަނގަޅުވާނީ، ވަޒީރުން ވަޒީރުންގެ ގޮތުގައި ތިއްބަވައިގެން ޕާޓީގެ މެނިފެސްޓޯ ރައްޔިތުންނަށް ޑެލިވާ ކޮށްދެއްވުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި 2013ގައި ހިތްވަރާ އެކު އެމްޑީޕީއަށް ނިކުމެވޭނީ ވަގުތު ދެއްވައިގެން އެ ވުޒާރާގެ ކަންކަން ނިންމަވައި ދެއްވުމުން ކަމަށް ވެސް އަސްލަމަށް އިޝާރާތް ކުރައްވައި އަލްހާން ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ 163 ވަނަ މާއްދާގައި އޮންނާނެ ވަޒީރުންގެ ޝަރުތުތައް. އޭގެ ތެރޭގައި ބަޔާންވެގެންވާނެ ވަޒީރު ކަމުގައި ހުންނަވައިގެން އަމިއްލަ ވިޔަފާރިއެއްވެސް ނުކުރެވޭނެކަން. ޕާޓީގެ އިސް މަގާމުތަކަކީ ވެސް ދުވަހުން ދުވަހަށް ބަލަން ޖެހޭ މަސްއޫލިއްޔަތުތަކެއް އޮންނަ ކަމެއް. އެހެންކަމުން ގާނޫނީ ނަޒަރަކުން ވިސްނާލާއިރު ވަޒީރު ކަމުގައި ހުންނަވާ ބޭފުޅަކު މަގާމުން އިސްތިއުފާ ނުދެއްވައި އެހެން މަގާމަކަށް ކުރިމަތި ލުމަކީ ގަނޫނު އަސާސީގެ ރޫހާ ހިލާފް ކަމެއް،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ، އެމްޑީޕީގެ ނާއިބު ރައީސް ކަމަށް ކުރިމަތިލެއްވުމުގައި ވަރަށް ގިނަ ސަބަބުތަކެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންގެ އިހްސާސްތަކާއި ޝަކުވާތަކާއި އުއްމީދުތަކަކީ ކޮބައި ކަމާއި މާޔޫސް ވަނީ ކޮން ކަންތައްތަކަކާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ ތަކެތީގެ އަގު މައްޗަށް ދިޔައީމާ ހިތްހަމަ ނުޖެހޭކަން. ގޯތި ގެދޮރުގެ ހިދުމަތްތައް ނުލިބިވާތީ ހިތްހަމަ ނުޖެހޭކަން. އަޅުގަނޑަށް އެނގޭ އެންމެ އެދެވޭ ގޮތަށް ސިއްހީ ހިދުމަތްތައް އަދި ނުލިބޭތީ ހިތްހަމަ ނުޖެހޭކަން،" އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިފަހުން އެއްވެސް ކަމެއް ގޯސްވެފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ޑޮލަރުގެ އަގު ބޮޑޮށްފައި ވަނީ ކަންކަން ހާސިލް ކުރަން ކޮންމެހެން ކުރަން ޖެހޭ ކަމަކަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެމްޑީޕީން ގެނައި ބަދަލު ދެމެހެއްޓުމަށް އެމްޑީޕީ ވަރުގަދަ ޕަޓީއަކަށް ހަދަން ޖެހޭ ކަމަށާއި މިހާރު އޮތް އެމްޑީޕީގެ ވެރިކަމަކީ ކުރިއަށް އޮތް 500 އަހަރު ދެމި އޮންނަ ވެރިކަމަކަށް ހެދުމަށް ޕާޓީ އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ވަރަށް ބޮޑު ތަފާތަކުން އެމްޑީޕީގެ ނާއިބު ރައީސް ކަން ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި އަލްހާނަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަކީ ސިޔާސީ ގޮތުން އެ ޕާޓީގެ ތެރޭގައި އޮތް އެންމެ ވަރުގަދަ ގުނަން ކަމަށެވެ. އަދި ޕާލަމެންޓްރީ ގްރޫޕުގައި ތިއްބެވީ ވަރަށް އިހްލާސްތެރިކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ ބައެއް ކަމުން ނާއިބު ރައީސް ކަމުގެ މަގާމަށް އަލްހާން ހޮވައިގެން ޕާޓީގެ ނާއިބް ރައީސްކަން ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ދިނުމަށް މޫސަ ޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.