25 Mar 2016, 12:17
ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު، މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގި ކަމުގެ ކުށް ސާބިތުވެ، ބޮސްނިއާގައި އޮތް ސާބް ދަރިކޮޅުގެ ޖުމްހޫރިއްޔަތުގެ ކުރީގެ ރައީސް ރަޑޮވަން ކަރަޖިޗް 40 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފި އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ފަސްވަނަ އަހަރު ބޮސްނިއާ ހަނގުރާމައިގެ ތެރޭގައި، ބޮސްނިއާގެ 8،000 އަށް ވުރެ ގިނަ މުސްލިމު ފިރިހެނުންނާއި ފިރިހެން ކުދިން ވަނީ ގަތުލު ކޮށްފަ އެވެ. މިއީ 1940 ގެ އަހަރުތަކުގައި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު ހިޓްލާ ހިންގި ގަތުލުއާންމަށް ފަހު، ޔޫރަޕުގައި ހިނގި އެންމެ ބޮޑު ގަތުލު އާންމެވެ.
ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިިނަލް ޓްރައިބިއުނަލް ފޯ ފޯމާ ޔޫގޮސްލޭވިއާގައި، ކަރަޖިޗްގެ މައްޗަށް 12 ދައުވާއެއް އުފުލިއިރު، އޭގެ ތެރެއިން 11 ދައުވާއެއް ވަނީ އޭނާގެ މައްޗަށް ސާބިތު ވެފަ އެވެ.
"ބޮސްނިއާގައި މުސްލިމުން މަރަމުން ދިޔަ އިރު، އެކަން ހުއްޓުވުމަށް އަމުރު ކުރުމުގެ ބާރު އޮތް ހަމައެކަނި މީހާއަކީ، މައްސަލައިގައި ދައުވާ ލިބޭ ފަރާތް، އެކަން ހުއްޓުވުމުގެ ބަދަލުގައި، ދައުވާ ލިބޭ ފަރާތުން އަމުރުކުރީ، އެމީހުން އެހެން ސަރަހައްދަކަށް ގެންގޮސް ގަތުލު ކުރުމަށް،" ކަރަޖިޗްއާ ދެކޮޅަށް ކުރި ހުކުމު އިއްވަމުން، އިންޓަނޭޝަނަލް ކްރިމިިނަލް ޓްރައިބިއުނަލް ފޯ ފޯމާ ޔޫގޮސްލޭވިއާއިން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ބުންޏެވެ.
ބޮސްނިއާގެ ސާބް ރިޕަބްލިކުގެ ކުރީގެ ރައީސްގެ ގޮތުގައި ހުންނަވައި، ބޮސްނިއާ ހަނގުރާމައިގައި ބޮޑެތި ލާއިންސާނީ ޖަރީމާތަކެއް ހިންގެވި ރަޑޮވަން ކަރަޖިޗްގެ މައްޗަށް 40 އަހަރުގެ ޖަލު ހުކުމެއް، އިންޓަނޭޝަނަލް ކްރިމިިނަލް ޓްރައިބިއުނަލް ފޯ ފޯމާ ޔޫގޮސްލޭވިއާއިން އިއްވި އިރު، އެ ހުކުމް އިސްތިއުނާފު ކުރާނެ ކަމަށް ކަރަޖިޗްގެ ވަކީލުން ބުނެފައި ވެ އެވެ.
ކަރަޖިޗްއާ ދެކޮޅަށް ޝަރީއަތް ހިންގުމަށް އޭނާ ހައްޔަރު ކުރީ 2008 ވަނަ އަހަރު އެވެ. އެއީ، ބޮސްނިއާ ހަނގުރާމައަށް ފަހު، އޭނާ ފިލައިގެން އުޅުނުތާ 11 އަހަރު ފަހުންނެވެ. އޭނާ ހައްޔަރު ކުރި އިރު ހުރީ ތުނބުޅި އާއި ބޮލުގެ އިސްތަށިގަނޑު ދިގުކޮށް ސިފަ ބަދަލުކޮށްފަ އެވެ.