25 Mar 2016, 12:09
ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް (ޔޫއެލް)ގެ ދަރަނި، ގާތްގަނޑަކަށް އެއް ބިލިޔަން ޑޮލަރަށް އަރާފައިވާއިރު، އެ ދަރަނި ހަލާސްކުރުމުގެ ގާބިލިއްޔަތުކަން އެ އެއާލައިނުގައި ނެތް ކަމަށް ސްރީލަންކާގެ ސަރުކާރުން ބުނެފި އެވެ.
ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، އެ އެއާލައިން މިހާރު ވެސް ހިންގަމުން އަންނަނީ ބޮޑު މާލީ ގެއްލުމެއްގައި ކަމަށެވެ.
ލަންކާގެ ދައުލަތުގެ ވިޔަފާރި ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ހާމަ ކޮށްފައިވާ ގޮތުން، ޔޫއެލްގެ ދަރަނި 933 މިލިޔަން އެމެރިކާ ޑޮލަރަށް ވަނީ އަރައިފަ އެވެ. އަދި މި އަދަދު އިތުރަށް ބޮޑުވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ވުޒާރާއިން ބުންޏެވެ.
ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވީ، ސްރީލަންކާގެ ސަރުކާރު ވެސް މިވަގުތު އޮތީ މާލީ ގޮތުން ވަރަށް ދަތި ހާލެއްގައި ކަމަށާއި، ނަމަވެސް ގައުމީ އެއާލައިނުގެ ދަރަނިތައް އަދާކުރުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން، ޔޫއެލްގެ ދަރަނިތައް ސަރުކާރުން ދައްކައިދެވޭނެ މަގެއް ތަނަވަސް ވޭތޯ ކުރިއަށް އޮތް ހަ ހަފްތާ ތެރޭގައި ބަލައި، އެކަމަށް ގޮތެއް ނިންމާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވި އެވެ.
"ސްރީލަންކަން އެއާލައިންސްއަށް މި ދަރަންޏެއް ނުދެއްކޭނެ. ސަރުކާރުން މިކަމަށް ގޮތެއް ނިންމަން ޖެހޭނީ،" ރަނިލް ވިދާޅުވި އެވެ.
ސްރީލަންކާގެ ކުރީގެ ސަރުކާރުން، ގައުމީ އެއާލައިނު ބޭނުންކޮށްގެން ކޮރަޕްޝަނުގެ ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ ކަން ވަނީ ހާމަ ވެފަ އެވެ. އެގޮތުން، ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި، އެ އެއާލައިނަށް އެއާބަސް މަރުކާގެ މަތިންދާ ބޯޓެއް ގަތުމަށް 2.3 ބިލިޔަން އެމެރިކާ ޑޮލަރުގެ ޑީލެއް ސިއްރިއްޔާތުގައި ބަޔަކާ އެކު ހަދައިފައިވެ އެވެ.