ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި މި ހަފްތާގައި ދިން ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ހަ މީހަކު ހައްޔަރު ކޮށްފި އެވެ.

ބެލްޖިއަމްގެ ޕްރޮސެކިއުޓަރަކު މީޑިއާގައި ވިދާޅުވީ، ހަ މީހަކު ހައްޔަރު ކޮށްފައި ވަނީ މައްސަަލައިގައި ޝައްކު ކުރެވޭތީ ސުވާލު ކުރުމަށް ކަމަށާއި، އަދި އެ މީހުންނާ ދެކޮޅަށް ދައުވާ އުފުލުމާ މެދު މިއަދުގެ ވަގުތެއްގައި ގޮތެއް ނިންމާނެ ކަމަށެވެ.

ބްރަސެލްސްގައި ދިން ޓެރަރިސްޓް ހަމަލާތައް ދިނުމުގައި ބައިވެރިވި ކަމަށް ބެލެވޭ ދެ މީހަކު ހޯދުމަށް އިއްޔެ ހިންގި އޮޕަރޭޝަނުގައި، ސަލާމަތީ ބާރުތަކުން ވަނީ އެ ސިޓީގެ ގިނަ އިމާރާތްތަކާއި ގެތަކަށް ވަދެ، އެތަންތަން ބަލައި ފާސްކޮށްފަ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގެ ޒަވެންޓެމް އިންޓަނޭޝަނަލް އެއާޕޯޓާއި، މާލްބީކް މެޓްރޯ ސްޓޭޝަނުގައި ދިން ބޮމުގެ ތިން ހަމަލާގައި، 31 މީހަކު މަރުވެ، 250 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އޭގެ ތެރޭގައި އެ ހަމަލާ ދިނުމުގައި ބައިވެރިވި ދެބެއިން ކަމުގައިވާ ޚާލިދް އަލް ބަކްރޫއީ އާއި އިބްރާހިމް އަލް ބަކްރޫއީ ވެސް ހިމެނެ އެވެ.

ހަމަލާ ދިނުމުގައި ބައިވެރިވި ތިންވަނަ މީހަކު ކަމުގައިވާ ނާޖިމް ލަޝްރާއީ ވަނީ ހައްޔަރުކޮށްފަ އެވެ.