25 Mar 2016, 11:09
ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަގެ އިތުބާރު ނެތް ކަމުގެ މައްސަލަ، އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހަޅައިފި އެވެ.
ސްރީލަންކާގެ ކުރީގެ ރައީސް އަދި މިހާރު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު މަހިންދަ ރާޖަޕަކްސައަށް ވަފާތެރި އިދިކޮޅު ފަރާތްތަކުން، ފިނޭންސް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 37 މެމްބަރެއްގެ ސޮއިއާ އެކުގަ އެވެ.
މައްސަލަ ހުށަހެޅި އިދިކޮޅު މެމްބަރުންގެ ފަރާތުން ވާހަކަ ދައްކަވަމުން، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ދިނޭޝް ގުނަވަރްދަނަ ވިދާޅުވީ، މަޖިލީހުން ފިނޭންސް މިނިސްޓަރަށް އޮތް އިތުބާރު ގެެއްލުނީ، އެކި ކަހަލަ ވާހަކަ ދައްކަވައިގެން މެމްބަރުންގެ އިތުބާރު ނަހަމަ ގޮތުގައި ބޭނުން ކުރައްވައި، މެމްބަރުންނަށް އޮޅުވާލަމުން ގެންދަވާތީ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް 2016 ވަނަ އަހަރުގެ ބަޖެޓު މަޖިލީހަށް ހުށަހެޅުއްވި އިރު، ރަވީ އިތުރުފުޅު ހައްދަވާފައިވާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.
މެމްބަރު އިތުރަށް ވިދާޅުވީ، އޭގެ އިތުރުން ވެސް ފިނޭންސް މިނިސްޓަރުގެ ފަރާތުން ބޮޑެތި މައްސަލަތަކެއް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު މަޖިލީހުގެ ރައީސަށް ފޮނުވާފައިވާނެ ކަމަށް ވެސް މެމްބަރު ގުނަވަރްދަނަ ވިދާޅުވި އެވެ.
ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ރަވީއަކީ، އެ ގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ރަވީއަކީ އެގައުމުގެ ސަރުކާރުގައި ހުންނެވި އެންމެ ނުފޫޒުގަދަ އެއް ވަޒީރު ވެސްމެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެސް، ގާނޫނު ހަދާ މަޖިލީހުގެ 40 މެމްބަރެއްގެ ސޮއިއާ އެކު، ފިނޭންސް މިނިސްޓަރު ރަވީ ކަރުނާނަޔަކަގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ މަޖިލީހަށް ހުށަހެޅުނެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުން ފާހެއް ނުވި އެވެ.