25 Mar 2016, 11:54
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެ ހަ އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިއާ އެޑަމް ޖޯންސަން ފުޓްބޯޅައިގެ އަގު ވައްޓާލައިފި ކަމަަށް ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަންގެ ޗެއާމަން ގޯޑަން ޓެއިލާ ބުނެފިއެވެ.
ބީބީސީ ރޭޑިއޯއަށް ދިން އިންޓަވިއު އެއްގައި ޓެއިލާ ބުނީ ފުޓްބޯޅައިގެ އުޅޭ ފަރާތްތައް ޖެހޭނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް އެ ކުދިންގެ އަގު ހިފަހައްޓަން ކަމަށާއި އެޑަމް ޖޯންސަން އަށް އެ ކުރި ހުކުމާ އެކު ފުޓްބޯޅައިގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި މިއީ ފުޓްބޯޅައިގެ އުޅޭ ހުރިހާ ފަރާތްތައް ވެސް ވަރަށް ފުންކޮށް ވިސްނަން ޖެހިއްޖެ ކަމަށް. ވަކިވަކު ފަރުދުން ކުރާ ކަންތައްތަކުގެ ސަބަބުން ވެސް ވެއްޓޭނީ މުޅި ފުޓްބޯޅައިގެ އަގު،" ޓެއިލާ ބުންޏެވެ.
އިނގިރޭސި ގައިމީ ޓީމަށާއި ޕްރިމިއާ ލީގުގެ ސަންޑާ ލޭންޑަށް ކުޅެފައިވާ އުމުރުން 28 އަހަރުހެ އެޑަމް ޖޯންސަންގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އައީ 15 އަހަރުގެ ކުޑަކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގި ކަން ކޯޓަށް ސާބިތުވުމާ ގުޅުގެންނެވެ.
އެ މައްސަލާގައި އެޑަމް ޖޯންސަންގެ މައްޗަށް ހުކުމް އިއްވަމުން ގާޒީ ޖޮނަތަން ރޯސް ވިދާޅުވީ ޖޯންސަން އެ އަމަލު ހިންގާފައިވަނީ އެ ކުއްޖަކީ 15 އަހަރުން ދަށުގެ ކުޑަކުއްޖެއްކަން އެނގޭ ހާލު ކަމަށާއި އެކަމުގެ ސަބަބުން އެ ކުއްޖާއަށް ޖިންސީ ގޮތުންނާއި ނަފްސާނީ ގޮތުންވެސް ގެއްލެންތަކެއް ވެފައިވާ ކަމަށެވެ.
ދިފާއު ގައި ޖޯންސަން ބުނީ އޭނާ އެ އަންހެން ކުއްޖާގެ ގައިގައި އަތްލި ކަމަށާއި، ނަމަވެސް އޭނާ އެކަން ކުރީ އެ ކުއްޖާއަށް އަނިޔާއެއް ދިނުމުގެ ނިޔަތެއްގައި ނޫންކަމަށް ބުނެފައެވެ.
6 އަހަރަށް ޖަލަށްލުމަށް ހުކުމުގެ އިތުރުން ކޯޓުން ވަނީ، "ޕްރޮސެކިއުޝަން ކޮސްޓް" ގެ ގޮތުގައި 50،000 ޔޫރޯ ދެއްކުމަށް ވެސް ޖޯންސަންގެ މައްޗަށް އަމުރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން، ޖޯންސަން ކުޅެމުން އައި ސަންޑަލޭންޑް އިން ވަނީ އޭނާއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނައިސް ޓީމުން ވެސް ވަކިކޮށްފައެވެ.