ފުޓްބޯޅަ އަށް ގިނަ ބަދަލުތަކެއް ގެނެސްދިން ނެދަލެންޑްސް އަދި ބާސެލޯނާގެ ފުޓްބޯޅަ ލެޖެންޑް ޔޮޖާން ކްރައިފް ފުއްޕާމޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެއްޖެ އެވެ.

ނެދަލެންޑްސްގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދާފައިވާ އުމުރުން 68 އަހަރުގެ ކްރައިފް ވަނީ ޔޫރަޕުގެ މޮޅު ކުޅުންތެރިއާގެ މަގާމު ތިން ފަހަރަށް ހޯދައި ނެދަލެންޑްސްގެ އަޔަކްސްއާއެކު ޖެހިޖެހިގެން ތިން ފަހަރަށް ޔޫރަޕިއަން ކަޕް ކާމިޔާބުކޮށްފައެވެ.

1974 ވަނަ އަހަރު ވޯލްޑްކަޕްގައި ނެދަލެންޑުން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކްރައިފް --- ފޮޓޯ: އޭޕީ

ކޯޗެއްގެ ގޮތުގައި ވެސް ކްރައިފް ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން ކްރައިފް ވަނީ އަޔަކްސް އަށް ދެ ފަހަރު ލީގު ކަޕް އަދި އެއް ފަހަރު ޗެންޕިއަންސް ލީގު ކާމިޔާބުކޮށްދީފަ އެވެ.

ކޯޗިން ކެރިއަރުގައި ކްރައިފް އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައި ވަނީ ބާސާގައެވެ. އެގޮތުން އެ ޓީމަށް ހަތަރު ފަހަރު ލީގު ކާމިޔާބުކޮށް ދީ، އެއް ކޮޕާ ޑެލްރޭ ކާމިޔާބު ކުރުމުގެ އިތުރުން އޭނާ ވަނީ އެ ޓީމަށް ސްޕެނިޝް ސުޕާ ކަޕް ތިން ފަހަރު އެޓީމަށް ހޯދައިދީފަ އެވެ.

1974 ވަނަ އަހަރު ވޯލްޑްކަޕްގައި ނެދަލެންޑުން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެރެއިން ކްރައިފް --- ފޮޓޯ: އޭޕީ

ގައުމީ ޓީމަށް ވެސް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކްރައިފް ވަނީ ނެދަލޭންޑްސް ގައުމީ ޓީމަަށް ކުޅުނު 48 މެޗުގައި އޭނާ ވަނީ 33 ލަނޑު ކާމިޔާބުކޮށްފަ އެވެ.

ކްރައިފްގެ މަރާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅައިގައި ހަރަކާތްތެރިވާ ގިނަ ފަރާތް ތަކަކުން އަންނަނީ އޭނާ ފުޓްބޯޅައަށް ކޮށްދިން ހިދުމަތްތަކުގެ ހަނދާން އާކޮށް އޭނާގެ އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.