އިސްލާމީ ޝަރީއަތާ އެއްގޮތަށް ގާނޫނުތައް ތަރުތީބު ކުރެވެންދެން އަޑު އުފުލާނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު ވިދާޅުވެއްޖެ އެވެ.

"ހައްލަކީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން" މި ޝިއާރުގެ ދަށުން އަދާލަތު ޕާޓީން މިއަދު ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާ ބާއްވާ އެއްވުންތަކުގެ އަޑު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި ޝަރުއީ ކޯޓްތަކުގެ ގާޒީންނަށް އަޑު އިވެންދެން "ހައްލަކީ އިސްލާމްދީން" މި ޝިއާރުގެ ދަށުން ރާއްޖޭގައި ވަރުގަދަ ކެމްޕެއިނެއް ކުރާނެ ކަމަށެވެ. އަދި ގާނޫނުތައް އިސްލާމީ ޝަރިއަތާ އެއްގޮތަށް ބައްޓަން ކުރެވެންދެން އަޑު އުފުލާނެއް ކަމަށް ޝަހީމް ވިދާޅުވި އެވެ.

"ފަނޑިޔާރުންނަށް އަޑު ނުއިއްވޭ ކަމުގައިވާ ނަމަ މިނޫން އެހެން މަންޒަރެއް ވެސް ދައްކަންޖެހިދާނެ... އަޅުގަނޑުމެން މިއަދު އެބޭފުޅުންނަށް ]ރައްޔިތުންގެ މަޖިލީސް މެންބަރުނާއި ފަނޑިޔާރުންނަށް[ އަޑު އިވެންދެން ހައްލަކީ އިސްލާމް ދީން ކަމަށް ޝެއިހް އިލްޔާސް އިއުލާން ކުރެއްވި ޝިއާރުގެ ދަށުން މިގަމުގައި ވަރުގަދަ ކެމްޕެއިނެއް އަޅުގަނޑުމެން ކުރާނަން. ދިވެހިރައްޔިތުން މިކަމުގައި އަޑު އުފުލަން ޖެހޭ،" އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވި ޝަހީމް ވިދާޅުވި އެވެ.

"އެމްއެންބީސީ ވަން" މެދުވެރިކޮށް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު ރޭ ދެއްކެވި ވާހަކަފުޅުގެ މައްޗަށް އަލިއަޅުއްވާލައްވައި އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ ވިދާޅުވީ މާރާމާރީ އާއި ވައްކަން ކުރާ ގޭންގުތަކުގެ ފަހަތުގައި ނުފޫޒު ގަދަ ބަޔަކު އެބަތިބި ކަމަށް ފަސީހު ވިދާޅުވެފައިވާ ކަމަށާއި އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޑރ. މަޖީދު ގޮވާލެއްވި އެވެ. އަދި އެ މީހުން ގާނޫނުގެ ކުރިއަށް ގެންނަން ޖެހެނީ އެންމެންނާ މެދު އެއް ހަމަޔަކުން އަމަލު ކުރުމަށް ކަމަށް ވިދާޅުވި އެވެ.

"އެބަ ވިދާޅުވޭ މީގެ ]މާރާމާރީ އާއި ވައްކަމާއި ފޭރުމުގެ[ ފަހަތުގައި ބަޔަކު މީހުން އެބަ ވެޔޭ. ނުފޫޒު ގަދަ ބަޔަކު. ސުވާލު މާކެއްގެ ތެރޭގައި. އެ މީހުންނާ ހަމައަށް ދެވެން ޖެހޭ. އެއީ ކޮންބައެއްތޯ ބަލައި ގާނޫނުގެ ކުރިމައްޗަށް ގެނެވެން އެބަޖެހޭ. އެންމެންނާ މެދު އެއް ހަމަޔަކުން މުއާމަލާތް ކުރެވެން އެބަޖެހޭ،" ޑރ. މަޖީދު ވިދާޅުވި އެވެ.

އެތައް ސަތޭކަ ބަޔަކު އެއްވެ، އަޑު އުފުލި މައިދާނުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވީ މަރަށް މަރު ހިފުމުގެ ބިލާ ދެކޮޅަށް މަޖިލީހުގެ ގިނަ މެންބަރުންތަކެއް ބަހުސް ކުރަމުންދަނިކޮށް އެ ބިލް މަޖިލީހުގެ ތަޅުމުން ބަލައިގަނެ ކޮމެޓީއަކަށް ފޮނުވާފައި ވަނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް އެ ބިލްގެ މަސައްކަތް ކޮމެޓީން އަވަސްކޮށް އެ ބިލް ގާނޫނަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ. މިއަދުގެ އެއްވުމުގައި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މަރަށް މަރު ހިފުމުގެ ބިލް ދެވަނަ ފަހަކަރަށް މަޖިލީހުގެ ތަޅުމަށް އައުމުން އެކަމާ ދެކޮޅަށް އެކިދިމާތަކުން ނުފޫޒު އަންނަ ކަމަށެވެ. ނިހާން ވިދާޅުވީ އެކި ފަރާތަކުން އަންނަ ބަހަށް ނުހެއްލި މި ގައުމުގެ ޒުވާނުން ސަލާމަތް ކުރުމަށްޓަކައި ކުރާ މަސައްކަތުގައި އެންމެހައި ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ގޮވާލި އެވެ.

އިސްލާމީ ޝަރީއާ ގައުމުގައި ތަންފީޒު ނުކުރުމުގެ ސަބަބުން ގައުމުގެ ހާލަތު ބަދަލުވެފައިވާ ކަމަށް ވިދާޅުވެ ޝެއިހް އިލްޔާސް ހުސައިން ވިދާޅުވީ މާތްﷲގެ ޝަރީއަތަށް އަޅުގަނޑުމެންނަށް ފާޑު ނުކިޔޭނެ ކަމަށާއި މަޖިލީސް މެންބަރުންގެ ބޮލުގައި އެޅިފައިވާ ޒިންމާ އެ ބޭފުޅުން ރަގަނޅަށް އަދާ ކުރުމަށް ޝެއިހް ގޮވާލެއްވި އެވެ.

މިއަދު ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި އަދާލަތުން އިސްނަގައިގެން ބޭއްވި އެއްވުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެ އަޑު އުފުލި އެވެ. އަދި އިސްލާމީ ޝަރީއާ ތަންފީޒު ކުރުމަށް ގޮވާލައި ލިޔެފައިވާ ބޯޑުތަކާއި ޕޯސްޓަރުތައް ހިފައިގެން ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން އެއްވެތިބި އެވެ. އަދި މަދަނީ އިއްތިހާދުގެ ޖަމިއްޔާތަކުގެ އިސްވެރިންނާއި ޝޭހުން މިއަދު އެއްވުމުގައ ބައިވެރިވެ އަޑު އުފުލި އެވެ.