ކޮރަޕްޝަނާ ގުޅޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް އޭސީސީން އިސް ނަގައިގެން ތައްޔާރު ކުރި "ބިތުފަންގި" ޑްރާމާގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޔުނީފޯމް ބޭނުންކޮށްފައި ވަނީ އެ މުއައްސަސާގެ ހުއްދަ ނުހޯދައި ކަމަށާއި އެހެންކަމުން އެކަމާ ގުޅޭގޮތުން ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.

ކަސްޓަމްސް އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކަސްޓަމަކީ ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ އެއް މުއައްސަސާ ކަމަށާއި އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިހުލާސްތެރިކަމާއި އެކު ބުރަ މަސައްކަތެއް ކުރަމުން އަންނަ މުއައްސަސާއެއް ކަމަށެވެ. ނަމަވެސް އެ މުއައްސަސާގެ އަބުރާ ޝަރަފަށް ހުތުރުވާ ގޮތަށް އޭސީސީ ފަދަ މުއައްސަސާއަކުން އެފަދަ ކަމެއް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ކަސްޓަމްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ކަސްޓަމްސްގެ ޔުނީފޯމާ ގުޅޭ އެއްވެސް އެއްޗެއް އެ މުއައްސަސާގެ ހުއްދަ ނެތި ބޭނުން ކުރުމަކީ ކަސްޓަމްސް ގާނޫނުގެ 17ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ކުށެއް ކަމަށެވެ.

"އެހެންކަމުން މިކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް މި އޮފީހުން އަޅާނެ ވާހަކަވެސް ދަންނަވަމެވެ." ބަޔާނުގައިވެ އެވެ.

ކަސްޓަމްސްގެ ބަޔާނުގައި ބުނެފައި ވަނީ އާއްމުން ހޭލުންތެރި ކުރުވުމުގެ ނަމުގައި އެ މުއައްސަސާ ބަދުނާމުވެ، އަގުވެއްޓޭ ގޮތަށް ޑްރާމާ ސިލްސިލާއެއް ތައްޔާރުކޮށް އާއްމުކުރުމުގެ ބަދަލުގައި ކަސްޓަމްސްގައި ކޮރަޕްޝަނުގެ އަމަލުތައް ހިނގާކަމަށް ގަބޫލު ކުރެވޭނަމަ ގާނޫނާއި އެއްގޮތަށް އެފަދަ ކަންކަން ތަހުގީގު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި ބުނީ އެފަދަ ތަހުގީގުތަކަށް އެ މުއައްސަސާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ބިތުފަންގި ޑްރާމާ ސިލްސިލާގައި ހުއްދަ ނުހޯދައި ކަސްޓަމްސްގެ ޔުނިފޯމު ބޭނުންކުރި މައްސަލައެއް އެ މުއައްސަސާއިން ފެންމަތިކޮށްފައި މިވަނީ، ހަމަ އެ ސިލްސިލާގައި އައިޖީއެމްއެޗްގެ ނަން ބޭނުން ކުރި މައްސަލައެއް، ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވަނިކޮށެވެ.

އައިޖީއެމްއެޗުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ބިތުފަންގި ޑްރާމާގައި އައިޖީއެޗުގެ ނަން ބޭނުންކޮށްފައިވުމުން ތަނާއި ތަނުގެ މުވައްޒަފުން ބަދުނާމުވާ ކަމަށެވެ.