24 Mar 2016, 22:22
ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ހޭނައްތާ އިންޖެކްޝަނެއް ޖަހައިގެން އޮޕަރޭޝަނެއް ކުރުމުން، ހޭނާރައިގެން މާލެ ގެނައި އެރަށު ގުލްއަލާގެ، މަސީހާ އަބޫބަކުރު 39، އަދިވެސް ހޭނާރާ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
އައިޖީއެމްއެޗުގައި މަސައްކަތް ކުރާ ޑޮކްޓަރަކު "ސަން" އަށް މިރޭ ވިދާޅުވީ އެ އަންހެން މީހާ އަދިވެސް ހޭނާރާ ކަމަށެވެ.
"ހަމަ ސޭމް ސިޓުއޭޝަން. އަދިވެސް ހޭނާރާ،" ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ހޭނާރާތާ މިއަދަށް މިވީ 11 ދުވަހެވެ.
އެ އަންހެން މީހާ މި މަހުގެ 14ވަނަ ދުވަހުގެ ރޭ މާލެ ގެނައީ ކުޑަ އޮޕަރޭޝަނެއް ކުރުމަށް ހޭނެއްތުމަށްފަހު ހޭ ނާރައި ގިނަ އިރުވެގެން އިމަޖެންސީކޮށެވެ.
މަސީހާގެ ބޭބެ އިބްރާހިމް ޒަކީ، 54، ބުނީ އޭނާ އޮޕަރޭޝަން ކުރަންޖެހުނީ ކިހިލިފަތްދޮށުގައި ގަނޑެއްލާފައި ހުރުމުން ކަމަށެވެ.